ރާއްޖެއިން ޖަޕާނަށް ކުރިން ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އަދި ފޮރިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލަށް، ޖަޕާން އެމްޕެރާ ދެއްވާ ހާއްސަ ޝަރަފެއް ލިބިވަޑައިގެންފި އެވެ.
ހަލީލަށް އަރުވާފައިވަނީ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ހިދުމަތްތައް ކޮށްދޭ ފަރާތްތަކަށް އަރުވާ ”އޯޑާ އޮފް ދަ ރައިސިން ސަން، ގޯލްޑް އެންޑް ސިލްވާ ސްޓާ“ ނަމަކަށް ކިޔުނު ޝަރަފެކެވެ. އެ ޝަރަފު އަރުވަން ފެއްޓެވީ 1875 ގައި އެމްޕެރާ މެއިޖީ އެވެ. މިއީ ޖަޕާން ސަރުކާރުން އަރުވަން ފެއްޓެވި އެންމެ ފުރަތަމަ ޝަރަފެވެ.
މިއީ ދިވެއްސަކަށް މި ޝަރަފު އެރުވި ފުރަތަމަ ފަހަރެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ހަލީލަށް އެ ޝަރަފު އެރުވީ ޖަޕާނާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް އޭނާ ކޮށްދެއްވި ހިދުމަތް ފާހަގަކުރުމުގެ ގޮތުން ކަމަށެވެ.
ޑިސެމްބަރު 22، 1981 ގައި ހާރިޖީ ހިދުމަތާ ގުޅިވަޑައިގެންނެވި ހަލީލަކީ ފޮރިން ސާވިސް ދާއިރާގައި 41 އަހަރު ހިދުމަތް ކުރެއްވުމަށް މަގާމުން ވަކިވެވަޑައިގެންނެވި ބޭފުޅެކެވެ.
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ އިނގިރޭސި ސެކްރެޓެރީގެ މަގާމުން ފެއްޓެވި ހިދުމަތް، އެންމެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވަނީ އދ.ގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގަ އެވެ. އޭނާ ވަނީ ނިއު ޔޯކުގައި 17 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވުމަށް ފަހު، ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމު ހަތް އަހަރު ދުވަހު ފުރުއްވި އެވެ. އަދި އޭގެ ފަހުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓެރީ، ބައިލެޓްރަލްގެ މަގާމު ވަނީ ފުރުއްވައިފަ އެވެ.
އޭގެ ފަހުން 2018 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހަލީލް ހުންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓުގެ މަގާމުގަ އެވެ.
ހާރިޖީ ދާއިރާއަށް ހަލީލު ކޮށްދެއްވި މަސައްކަތް ފާހަގަކޮށް މިދިޔަ ސަރުކާރުން އޭނާއަށް ވަނީ ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފުވެސް އަރުވައިފަ އެވެ. އޭނާއަކީ އެ ޝަރަފު އެރުވި ފުރަތަމަ ދެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ. އަނެއް ބޭފުޅަކީ މިދިޔަ ސަރުކާރުގެ ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފެވެ.
ގުޅުންހުރި
65 އަހަރުގެ ޑްރަގު ބޮޑެއް، އުމުރަށް ޖަލަށް ލާފައި ހުއްޓައި ގޭ
އިހުސާން، އެމްޑީޕީއަށް: ރައީސް މުއިއްޒަށް ރައްޔިތުން ވެރިކަން ދިނީ ފުދުނީމަ، ގައުމު
”މޯލްޑިވްސް ކޮމިޔުނިޓީ ޕާޓީ“ ނަމުގައި ޕާޓީއެއް އުފައްދަން ހުއްދަ ދީފި
ރައްޔިތުންނަށް ތަނަވަސްކަން ލިބެން ބޭނުންނުވާ ސިޔާސީ މީހުން ދެން ފެނިގެންދާނެ: ރައީސް
ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މައްސަލަ ބޮޑުވުމުން ލިސްޓު އަލުން މުރާޖާކުރަނީ
މަސްވެރިންނަށް، ހައުސިން ލޯނުތަކަށް ކުރިމަތިލެވޭ ގޮތް ހަދައިފި