އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި، ރިޔާސީ ދެވަނަ ދައުރު ކަށަވަރު ކުރައްވައިފި އެވެ.
ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އަދި މިހާރު ނައިބު ރައީސް ކަމަލާ ހެރިސްއާ ވާދަކުރައްވައި ޓްރަމްޕް އިންތިހާބު ކާމިޔާބު ކުރެއްވީ 294 އިލެކްޓޯރަލް ވޯޓު ނުވަތަ 50.9 ޕަސެންޓް ވޯޓުންނެވެ. ކަމަލާއަށް ލިބިވަޑައިގަތީ 223 އިލެކްޓޯރަލް ވޯޓެވެ. އެއީ 47.4 ޕަސެންޓެވެ.
މި ކާމިޔާބީ އާއެކު ޓްރަމް ވާނީ އެމެރިކާގެ 47 ވަނަ ރައީސަށެވެ. މިއީ އެމެރިކާގައި ފަހުގެ ތާރީހެއްގައި ޖެހިޖެހިގެން ނޫން ގޮތަކަށް ރިޔާސީ ދެވަނަ ދައުރެއް ބޭފުޅަކު ކާމިޔާބު ކުރެއްވި ފުރަތަމަ ފަހަރެވެ.
އެގޮތުން އެމެރިކާގެ ފުރަތަމަ އަންހެން ރިޔާސީ ކެންޑިޑޭޓް ހިލަރީ ކްލިންޓަނާ ވާދަކުރައްވައި ޓްރަމްޕް އެންމެ ފުރަތަމަ ވެރިކަން ކުރެއްވީ 20 ޖެނުއަރީ 2017 އިން 20 ޖެނުއަރީ 2021 އަށެވެ.
ބީބީސީގެ ޔޫއެސް ޕާޓްނަރު، ސީބީއެސް ނިއުސްގައި ބުނެފައިވާ ގޮތުން ކަމަލާ ހެރިސް ވަނީ ބަލި ގަބޫލުކުރައްވައި ޓްރަމްޕަށް ފޯނުން ގުޅުއްވައި މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެ ފޯން ކޯލްގައި ސުލްހަވެރިކަމާއެކު ބާރުތައް ބަދަލުކުރުމަށް ބާރު އެޅުއްވުމަށާއި އެމެރިކާގެ ރައްޔިތުންގެ ވެރިއަކަށް ވެވަޑައިގަތުމަށް އެދިވަޑައިގެންނެވި ކަމަށް ސީބީއެސްގައި ބުނެފައިވެ އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބު ޓްރަމްޕް ކާމިޔާބު ކުރެއްވި އިރު، ބަރަހަނާ ފިލްމު ކުޅޭ އަންހެނަކާ ބޭއްވި ނަހަމަ ގުޅުމެއްގެ ވާހަކަ ނުދެއްކުމަށް ޝަރުތުކޮށް ކެމްޕެއިން ފައިސާއިން އެކަމަށް ހަރަދުކޮށް އަދި އެކަން ސިއްރުކުރަން ވިޔަފާރީގެ ހިސާބުތައް އޮޅުވާލި ކަމުގެ ކުށް އޭނާގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ. ނަމަވެސް އެ ކުށުގެ އަދަބު އަދި ކަނޑައަޅާފައެއް ނުވެ އެވެ.
ޓްރަމްޕް މަގާމުގެ ހުވާކުރައްވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ.




ގުޅުންހުރި
ބޮޑުކަންނެލި ޕްރޮސެސްކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަނީ
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ޝަކީބު އައްޔަންކުރައްވައިފި
ދަރިވަރެއްގެ ކަރުގައި ހިފައި، ހަމަލާދިން ޓީޗަރެއްގެ މައްސަލަ ފުލުހަށް
ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށަކަށް ހަދަނީ
އެމެރިކާގެ ރެސްޓޯރެންޓް ފްރެންޗައިޒް، ”ޓީޖީއައި ފްރައިޑޭސް“ގެ އައުޓްލެޓެއް މާލޭގައި ހުޅުވަނީ
64 އަހަރުގެ ލޯބިވެރިޔާގެ ބުރަކައްޓަށް ވަޅިން ހަމަލާދިން 32 އަހަރުގެ މީހާ