މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އުވާލައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (މީޑިއާ ކޮމިޝަން) ގެ ނަމުގައި ކޮމިޝަނެއް އުފައްދަން ކަމަށް ބުނެ ހުށަހެޅި ބިލު ފާސްވެއްޖަނަމަ މީޑިއާތަކުގެ ތެރެއަށް ސަރުކާރުގެ ނުފޫޒު ވަދެ ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިގެންދާނެ ކަަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފި އެވެ.
އެ ބިލު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އަމިއްލަ މެންބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނެވެ.
ހަންނާނު ހުށަހެޅުއްވި އެ ބިލުގައިވާ ގޮތުން މީޑިއާ ކޮމިޝަންގައި ތިއްބަވާނީ ހަތް މެންބަރުންނެވެ. އެއީ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ހަތަރު މެންބަރުންގެ އިތުރުން މީޑިއާތަކުން އިންތިހާބުކުރާ ތިން މެންބަރުންނެވެ. ބިލުގައިވާ ގޮތުން މީޑިއާތަކުން ކޮމިޝަނަށް މީހުން އިންތިހާބު ކުރުމަށް އިންތިހާބު ބާއްވާނީ އިލެކްޝަންސް ކޮމިޝަން (އީސީ) އިންނެވެ.
އެ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ނޫސްވެރިކަމާއި މީޑިއާތައް ރެގިއުލޭޓް ކުރުމުގެ ކަންކަން ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަކީ އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް ފާރަވެރިވެ، އެ ފަރާތްތަށް ޖަވާބުދާރީ ކުރުވުމަކީ މީޑިއާގެ މައިގަނޑު އެއް މަގުސަދު ކަމަށްވާއިރު މީޑިއާގެ ކަންކަން ބަލަހައްޓަން ސަރުކާރުން ހަވާލުވުމަކީ ދެކޮޅު ޖެހޭނެ ކަމެއް ނޫން ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
”މި ޖަމްއިއްޔާ އިން ދެކޭ ގޮތުގައި އެ ބިލުގެ ސަބަބުން ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ވަރަށް ބޮޑަށް ހަނިވެގެން ގޮސް ނޫސްވެރިންގެ މަސައްކަތަށް ނުހަނު ބޮޑެތި ހުރަސްތައް އެޅިގެންދާނެ އެވެ. އަދި މީޑިއާތައް އެ މީހުން އަމިއްލައަށް ރެގިއުލޭޓް ކުރުން ނުވަތަ ސެލްފް ރެގިއުލޭޓް ކުރުމަށް މިހާރު އޮތް ބާރު ގެއްލި، އޭގެ ބަދަލުގައި ސަރުކާރުގެ ނުފޫޒާއި ބާރު މީޑިއާ ތެރެއަށް ވަރަށް ބޮޑަށް ވަދެ، ރާއްޖޭގެ މީޑިއާގެ މިނިވަންކަން އެތައް އަހަރެއް ފަހަތަށް ސޮއްސާލައިގެން ދާނެ އެވެ“ އެމްޖޭއޭ އިން ބުންޏެވެ.
އެމްޖޭއޭ އިން ބުނީ އެ ޖަމިއްޔާ އިން ތާއިދުކުރަނީ މިހާރު މި އޮތް މީޑިއާގެ ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމަށް ކަމަށާއި އެ ނިޒާމުގައި މައްސަލަތަކެއް އުޅޭނަމަ އެކަން ހައްލުކުރަން ވާނީ އެ ނިޒާމު އެކީ ގެއްލިގެން ނުދާ ގޮތަށް ކަމަށް އެމްޖޭއޭ އިން ބުންޏެވެ.
”އާ ކޮމިޝަންގެ ތިންބައިކުޅަ ދެބައި އޮންނަންވާނީ މީޑިއާގެ އެކި ވަސީލަތްތަކާއި އެޑިޓަރުންނާއި ސީނިއާ އަދި ޖޫނިއާ ނޫސްވެރިންނާއި މީޑިއާތައް އަދި މަދަނީ ޖަމިއްޔާތައް ތަމުސީލުވާ ގޮތެއްގައި ކަމުގައި މި ޖަމިއްޔާ އިން ގަބޫލުކުރަމެވެ. އަދި ދައުލަތާއި ސަރުކާރަށް ބާރުވެރިކަން ލިބޭ ގޮތަށް މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަނެއް އެކުލަވާލަން މި ޖަމިއްޔާއިން އެއްވެސް ގޮތަކަށް ތާއީދެއް ނުކުރާނެއެވެ.“ އެމްޖޭއޭ އިން ބުންޏެވެ.
އެމްޖޭއޭ އިން މައިގަނޑު ގޮތެއްގައި ބިލާއި ގުޅިގެން ފާހަގަކުރި ކަންބޮޑުވުންތައް:
– ކޮމިޝަންގެ އޮނިގަނޑު އެކުލަވާލަން ހުށަހަޅާފައިވާ ގޮތުން ހަތް މެންބަރުންގެ ތެރެއިން އަގުލަބިއްޔަތު މެންބަރުން ކަމަށްވާ ހަތަރު މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުން މަޖިލީހަށް ނަން ފޮނުވައިގެން އައްޔަން ކުރާ މެންބަރުން. މީޑިއާ އިން އަމިއްލައަށް އިންތިހާބު ކުރަން ޖެހެނީ އެންމެ ތިން މެންބަރުން. މިކަމުގެ ސަބަބުން މީޑިއާ ރެގިއުލޭޓް ކުރުމަށް ސަރުކާރުގެ ނުފޫޒު ވަދެ މީޑިއާތަކާއި ނޫސްވެރިންނަށް އޮތް މިނިވަންކަމަށް ސަރުކާރުގެ ބާރާއި ނޭދެވޭ ނުފޫޒުތައް ވަދެ މިހާރު މި އޮތް މިންވަރަށް ވެސް މިނިވަން މީޑިއާގެ ވެށި ގެއްލިގެންދާނެ
– ކޮމިޝަން ހިންގުމުގެ ހުރިހާ ބާރެއް ކޮމިޝަންގެ ރައީސަށް ދީފައިވާއިރު އެ މަގާމާއި ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މަގާމެއް
– ބިލްގައި ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑުތަކާ ހިލާފުވާ މީޑިއާތައް ޖޫރިމަނާ ކުރުމާއި މީޑިއާތަކުގެ ލައިސަންސް ހިފެހެއްޓޭނެ ކަމަށް ބަޔާންކޮށްފައިވާއިރު ވަކިވަކި ނޫސްވެރިންނަށް ވެސް ބޮޑެތި ޖޫރިމަނާތަކެއް ކުރެވޭނެ ގޮތަށް ބިލް އެކުލަވާލާފައިވުމަކީ މީޑިއާގެ މިނިވަންކަމަށް ކުރިމަތިވާނެ ބޮޑު ނުރައްކަލެއް
ގުޅުންހުރި
މަނާކުރަންވީ ފަލަސްތީނުގައި ގަތުލުއާންމު ހިންގާ މީހުންގެ ޕާސްޕޯޓް އެކަނި: ނާޒިމް
މަޖިލީހުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިއްޖެ، ކޯޓަށް ދާން މަޝްވަރާކުރާނަން:
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލާ ގުޅޭ ގަރާރު ބޭރުކުރީ އެމްޑީޕީގެ ހެޔޮނިޔަތް
މިއަދު އެ ފެނުނީ ޕީއެންސީގެ މެންބަރުން އަމިއްލަ މަސްލަހަތު ކުރިއަށް ނުނެރޭނެކަން:
ޕާޓީ ބަދަލުކުރުމުން މެންބަރުކަން ގެއްލޭ އިސްލާހު ރައީސް ވަގުތުން ތަސްދީގު ކުރައްވައިފި
ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އިސްލާހަކީ ޑިމޮކްރަސީއަށް މުހިންމު ފިޔަވަޅެއް: ފަހުމީ