އޭޝިއާގެ އިންޑަސްޓްރީ ޗެމްޕިއަންސްގެ އެވޯޑް ލިބުނު ފުރަތަމަ ދިވެހި ކުންފުންޏަކަށް ސްޓެލްކޯ!

އޭޝިއާގެ އަހަރުގެ އިންޑަސްޓްރީ ޗެމްޕިއަންސްގެ އެވޯޑް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް ލިބިއްޖެ އެވެ.

ސްޓެލްކޯއަށް ލިބިފައިވަނީ އޭޝިއާ ބައްރުގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމުގައިވާ ”އޭޝިއާސް ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސް 2024 ”ގެ އިންޑަސްޓްރީ ޗެމްޕިއަންސްގެ އެވޯޑެވެ. މިއީ ދިވެހި ކުންފުންޏަކަށް އެ އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ.

”އޭޝިއާސް ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސް 2024 “ ގައި އިންޑަސްޓްރީ ޗެމްޕިއަންސްގެ އެވޯޑް ސްޓެލްކޯ ހިމެނޭހެން އަށް ކުންފުންޏަކަށް ލިބިފައިވެ އެވެ. އެއީ ފިލިޕީންސްގެ ހަތަރު ކުންފުންޏަކާއި ރާއްޖެ، ތައިލެންޑް، ސިންގަޕޫރު އަދި ވިއެޓްނާމުގެ ކުންފުންޏެވެ.

އޭޝިއާ ސަރަހައްދުގައި ފާހަގަކޮށްލެވޭ މެލޭޝިއާގެ މޯސް ގްރޫޕުން އިންތިޒާމްކޮށްގެން 2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ”އޭޝިއާސް ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސް، ވޭތުވެދިޔަ އަހަރުތަކުގައި ދުނިޔޭގެ ފާހަގަކޮށްލެވޭ ބޮޑެތި ކުންފުނިތަކަށް ލިބިފައިވެ އެވެ.

އޭގެ ތެރޭގައި ސެމްސަންގް، އެއާ އޭޝިއާ، ޓާޓާ ގްރޫޕް، ޑީއެޗްއެލް، ކެސްޕާސްކީގެ އިތުރުން، ނެސްލޭ ފަދަ ބޮޑެތި ކުންފުނިތަކުން ވަނީ އެކި ކެޓަގަރީތަކުން މި އެވޯޑް ހޯދައިފަ އެވެ.