ލިބޭ މުސާރަ ހަރަދުކުރަނީ އަނބިދަރިންގެ ބަދަލުގައި ދާއިރާގެ ރައްޔިތުނަށް: އައްބާސް

MAJLIS

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ލިބިވަޑައިގަންނަވާ މުސާރަ އަނބިދަރިންނަށް ހަރަދުކުރުމުގެ ބަދަލުގައި ދާއިރާގެ ރައްޔިތުންނަށް ހަރަދުކުރަން ޖެހިފައިވާ ކަމަށް މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

އައްބާސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއް ދުވަހުން އަނެއް ދުވަހަށް ބޭސްފަރުވާއަށް ސަލާންޖަހާ ރައްޔިތުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށާއި އޭނާވެސް ގިނައިން ފައިސާ ހަރަދުކުރަން ޖެހެނީ ބޭސް ފަރުވާއަށް ކަމަށެވެ.

”އިންކަމް ޓެކްސް، ޕެންޝަނަށް ކަނޑާފައި ކޮންމެ މަހަކު މަޖިލިސް މުސާރައާއި ކޮމިޓީ އެލޮވެންސްއާ ލިވިން އެލަވެންސްގެ ގޮތުގައި އަޅުގަނޑުގެ އެކައުންޓަށް ޖަމާވާ 76،900 ރުފިޔާ އިން އަޅުގަނޑުގެ އަނބިދަރިންނާއި އާއިލާއަށް އެންމެ ލާރިއެއްވެސް ހަރަދުނުކޮށް، އެ ފައިސާ އެއްކޮށް ހަރަދުކުރަމުން މި ދަނީ އަޅުގަނޑު އިންތިހާބުކުރި ދާއިރާގެ ރައްޔިތުންގެ ބޭސްފަރުވާއަށް“ އައްބާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މަޖިލިސް މެންބަރުންނަށް ލިބިދޭ ބޭސްފަރުވާގެ ހިދުމަތާ އެއް ފެންވަރުގެ ހިދުމަތެއް އާންމު ރައްޔިތުންނަށްވެސް ލިބެން ޖެހޭނެ ކަމަށާއި އެފަދަ ނިޒާމެއް ގާއިމުވެފައި އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.