ސަރުކާރުގެ ޕޮލިސީ އާމެދު ހިތްހަމަނުޖެހުނަސް އެ ތަންފީޒުކުރަން ސިވިލް ސާވަންޓުން ފަސްޖެހިގެން ނުވާނެ: ސާޖިދާ

ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ---

ކޮންމެ ވެރިކަމެއް އޮތަސް، އެ ވެރިކަމުން ގެންނަ ޕޮލިސީތައް ތަންފީޒުކުރުމުގައި ސިވިލް ސާވިސްގެ މުވައްޒަފުން ފަސްޖެހިގެން ނުވާނެ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ހެލްތް މިނިސްޓްރީގެ ސިވިލް ސާވިސް މުވައްޒަފުންގެ 52 ހަފުތާގެ މަސައްކަތުގެ އަގުވަޒަންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސާޖިދާ ވިދާޅުވީ ސަރުކާރުން ގެންނަ އެއްވެސް ޕޮލިސީއެއް ވިއްސަކަށް ތިރީހަކަށް ސިޔާސީ ބޭފުޅުންނަކަށް ކުރިއަކަށް ނުގެންދެވޭނެ ކަމަށެވެ. އެހެންވެ، ސިވިލް ސާވަންޓެއްގެ ހައިސިއްޔަތުން ސަރުކާރުގެ ޕޮލިސީތައް ތަންފީޒުކުރުމަށް މަސައްކަތް ކުރަންވާނެ ކަމަށް ވިދާޅުވި އެވެ.

”ކޮންމެ ސަރުކާރެއް ކޮންމެ ޕޮލިސީއެއް ހިފައިގެން އަޔަސް އަޅުގަނޑުމެންނަކީ އެ ބޭފުޅުންގެ އެ ޕޮލިސީތައް ތަންފީޒު ކުރަން ތިބި މީހުން. އެހެންވީމަ އަޅުގަނޑުމެންނަށްވީ އެންމެ ވަރަކަށް މަސައްކަތް ކޮށްގެން، އެއީ ކޮންމެ ބަޔަކު ތިބި ކަމުގައިވިޔަސް، ބައެއް ފަހަރު އެންމެ ހިތްހަމަނުޖެހޭ ގޮތަށް ޕޮލިސީ އޮތަސް، އެކަން ތަންފީޒުކުރަން ފަސްޖެހިގެން ނުވާނޭ،“ ސާޖިދާ ވިދާޅުވި އެވެ.

އެ ކަމަނާ ވިދާޅުވީ، ބައެއް ކަހަލަ ހިތްހަމަނުޖެހުންތަކާ ކުރިމަތިލާންޖެހޭ ފަހަރު އަންނާނެ ކަމަށާއި ނަމަވެސް ހެލްތް ދާއިރާގައި މަސައްކަތް ކުރާއިރު އެ ހިތްހަމަނުޖެހުންތައް އެއް ފަރާތްކޮށް މަސައްކަތައިގެން ކުރިއަށްގޮސް އެ ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.