ނޮވެމްބަރ 21, 2024

ބަޖެޓް ބަހުސް: ބަޖެޓުގެ ތަފުސީލު ނެތުމުން އަނބުރާ ގެންދަން ސިޔާމް ގޮވާލައިފި

މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަންނަ އަހަރަށް ލަފާކޮށް ހުށަހަޅައިފައިވާ ބަޖެޓުން ހަރަދު ކުރާނެ ގޮތުގެ ތަފުސީލު ނެތުމުން އެކަމާ ނުރުހުން ފާޅުކޮށް، ބަޖެޓް އަނބުރާ ގެންދަން މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ހުށަހަޅުއްވައިފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވަނީ 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓު މަޖިލީހަށް ހުށައެޅުއްވީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. މީގެ ތެރެއިން، ހަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިޔަން ރުފިޔާ އެވެ. އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިޔަން ރުފިޔާ އެވެ. އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 13.3 ބިލިޔަން ރުފިޔާ އެވެ.

ބަޖެޓަށް ބަހުސް ކުރައްވަމުން ސިޔާމް ވިދާޅުވީ ބަޖެޓު މަޖިލީހަށް ހުށަހެޅިއިރު، ބަޖެޓުގައި ހުރީ ދާއިރާތަކަށް ކަނޑައެޅި އަދަދު ކަމަށެވެ. ސިޔާމް ވިދާޅުވީ ގެދޮރުވެރިކަމަށް 2.7 ބިލިއަން ރުފިޔާ ޖަހާފައި އޮތަސް އެ ފައިސާ ހަރަދު ކުރަނީ ކޮން ރަށެއްގެ ކޮން ޕްރޮޖެކްޓަކަށް ކަން ހިމަނާފައެއް ނެތް ކަމަށެވެ.

”ޓޯޓަލް މި އޮތީ 56 ބިލިއަން ރުފިޔާ. އޮތް އިރުގައި އަޅުގަނޑުމެންނަކަށް ނޭނގޭ ކުރަނީ ކޮން ކަމަކަށް ކަމެއް. އެހެންވީމަ އަޅުގަނޑު ހަމަ ގައުމުގެ ރައްޔިތުންގެ ހައްގުގައި އަޅުގަނޑު ހުށަހަޅަން މި ބަޖެޓު މުޅިން ބަދަލު ކުރައްވައި، ތަފުސީލު އެނގޭނެހެން އަޅުގަނޑުމެންނަށް އަލުން މި ފޮތް ދެއްވުން،“ ސިޔާމް ވިދާޅުވި އެވެ.

”އެހެން ނޫނީ އަޅުގަނޑުމެންނަށް ނޭނގި ހުރެ އެއްޗަކަށް ވޯޓު ދެވުނީމާ ގިޔާމަތް ދުވަހުން ވެސް އެކަމުގެ އަޒާބު އަޅުގަނޑުމެންނަށް ﷲ ސުބްހާނަހޫ ވަތައާލާ ދެއްވާނެ.“

މަޖިލީހުގައި އިތުރަށް ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ ބަޖެޓަކީ 100 ޕަސެންޓު ރަނގަޅު އެއްޗެކޭ ބުނަން ހެޔޮ ވެސް ނުވާނެ ކަމަށެވެ.

”މި ބަޖެޓަކީ ސައްތައިން ސައްތަ ރަނގަޅު އެއްޗެކޭ ބުނަން ހެޔޮ ވެސް ނުވާނެ. އަޅުގަނޑު ހަމަ އާދޭހާއެކު ދަންނަވަން އިއްޒަތްތެރި ރައީސް މި ބަޖެޓު ގެންދަވާ. ގެންގޮސް އަޅުގަނޑުމެންނަށް ތަންދޮރު އެނގޭނެ ގޮތަކަށް އަޅުގަނޑުމެންނަށް ބަޖެޓު ހުށަހަޅައިދެއްވާ،“ ސިޔާމް ވިދާޅުވި އެވެ.