އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ ދައުރު މިއަދަށް ހަމަވެއްޖެ އެވެ.
ފުއާދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދަކީ އޭނާގެ ދައުރު އީސީގެ ހަމަވާ ދުވަސް ކަމަށެވެ.
”އީސީގެ ހުރިހާ މެންބަރުންނާއި މުވައްޒަފުންނަށް ޝަކުރު އަދާކުރައްވަން ބޭނުން އަލުގަނޑުގެ މަސައްކަތައް ދެއްވި އެހީތެރިކަމަށް“ ފުއާދު ވިދާޅުވި އެވެ.
އަދި އޭނާއަށް އިތުބާރު ކުރެއްވި ސިޔާސީ ޕާޓީތަކަށާއި އާންމު ރައްޔިތުންގެ ފަރާތުނުން ލިބުނު ތާއީދާއި އިތުބާރަށް ވެސް ޝުކުރު އަދާކުރައްވާ ކަމަށް ފުއާދު ވިދާޅުވި އެވެ.
އީސީގެ ގަވާއިދު ބުނާގޮތުން ދެ ދައުރަށް ވުރެ އިތުރަށް އެ ކޮމިޝަންގެ މެންބަރު ކަމުގައި ނުހުންނެވޭނެއެވެ. ދައުރަކީ ފަސް އަހަރު ކަމަށްވާއިރު ފުއާދު ވަނީ 10 އަހަރު ދުވަހު އީސީގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ. އެހެންކަމުން ދެން ފުއާދަށް، އީސީގެ މެންބަރުގެ ކަމަށް ވާދައެއް ނުކުރެއްވޭނެ އެވެ.
ފުއާދު ވިދާޅުވީ ދެން އޭނާ ކުރިއަށްދާން ބޭނުންވަނީ ހާރިޖީ ދާއިރާއިން ކަމަށެވެ.



