ނޮވެމްބަރ 25, 2024

އަލްހާންގެ ސްކީމުގައި ބައިވެރިވި މީހަކަށް 695،000 ރުފިޔާ ދޭން ހުކުމްކޮށްފި

އަލްހާން ފަހުމީ

އަލްހާން ފަހުމީގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުން ހިންގި ”ކޮޕީ ޓްރޭޑިން ސްކީމް“އަށް އިންވެސްޓް ކުރި މީހަކަށް 695،500 ރުފިޔާ ދިނުމަށް ކިންގްސް ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

އެ ފައިސާ ދޭން ހުކުމް ކޮށްފައިވަނީ މީހާއަކީ އަލްހާންގެ ސްކީމަށް 30،000 ރުފިޔާއަކާއި 100،000 ރުފިޔާ އިންވެސްޓް ކުރި މީހެކެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް އޭނާގެ އިންވެސްޓްމެންޓަށް ފައިސާ ލިބިފައިނުވާތީ ރިޒާ ވަނީ ޝަރީއަތުގެ ހަރަދާއެކު 815،500 ރުފިޔާ ކިންގްސް ކުންފުނިން ނަގައިދިނުމަށް އެދިފަ އެވެ.

އެ ދައުވާ ފޯމާ ހަވާލުވެ، ކިންގްސް ކުންފުނީގެ ފަރާތުން ވަނީ އެ މައްސަލަ ބެލުމުގެ އިހުތިސޯސް ސިވިލް ކޯޓަށް ލިބިގެންވާކަމާ މެދު ސުވާލު އުފައްދައިފަ އެވެ. ނަމަވެސް ދައުވާއަށް ރައްދުދީފައެއް ނުވެ އެވެ. ދައުވާއަށް ކިންގްސް ކުންފުނީގެ ފަރާތުން ރައްދުދީފައިނުވާތީ މައްސަލަ ކުރިއަށް ގެންދިޔައީ އެ ކުންފުނީގެ އައިރު ހާޒިރުގަ އެވެ.

ސިވިލް ކޯޓުގައި މި މައްސަލަ ބެލި ގާޒީ އާދަމް ޒާލިމް މައްސަލައިގެ ގޮތެއް ކަނޑައަޅުއްވަމުން ވިދާޅުވީ ދައުވާކުރާ ފަރާތުން ނަގައިދިނުމަށް އެދިފައިވާ 815،000 ރުފިޔާގެ މުއާމަލާތާ މެދު އެއްވެސް ފަރާތުން އިންކާރުކޮށްފައިނުވާ ކަމަށެވެ. ނަމަވެސް އޭގެ ތެރޭގައި ހިމެނޭ ޝަރީއަތުގެ ހަރަދުގެ ގޮތުގައި ބަޔާންކޮށްފައިވާ 120،000 ރުފިޔާ ނަގައިދެވެން ނެތް ކަމަށާއި ސަބަބަކީ އެއީ ހަރަދުކުރި ފައިސާއެއްކަން ސާބިތުކުރުމަށް ދައުވާކުރާ ފަރާތުން ހެކި ހުށަހަޅާފައިނުވާތީ ކަމަށެވެ.

މި މައްސަލައިގައި ގާޒީ ހުކުމްކުރެއްވީ ދައުވާކުރާ ފަރާތުން ކިންގްސް ކުންފުންޏަށް ޖަމާކޮށްފައިވާ 95،000 ރުފިޔާއާއި އިންވެސްޓްމެންޓްގެ ބަދަލުގެ ގޮތުގައި ދިނުމަށް އެއްބަސްވެފައިވާ 600،000 ރުފިޔާއަކީ ކިންގްސް ކުންފުނިން ރިޒާއަށް ދައްކަންޖެހޭ ފައިސާ ކަމަށް ކަނޑައަޅައި އެ ފައިސާ 30 ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ސިވިލް ކޯޓަށް ދައްކައި ހަލާސްކުރުމަށެވެ.

އަދި ދައުވާކުރާ ފަރާތުން ޝަރީއަތުގެ ހަރަދުގެ ގޮތުގައި ނަގައި ދިނުމަށް އެދި 120،000 ރުފިޔާ ނަގައިދެވެން ނެތް ކަމަށް ހުކުމްކުރާ ކަމަށެވެ.