ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ސިޔާސީ މަގާމުތަކުގައި ތިބެ ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ހައިކޯޓުން ކުރި ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ހައިކޯޓުން މިދިޔަ އޮކްޓޯބަރު މަހުގެ 31 ގައި އެ ހުކުމްކުރީ އެންވަޔަރަމެންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރަގީބް ދައުލަތާ ދެކޮޅަށް ވަކާލާތު ކުރާ މައްސަލައެއްގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އިއުތިރާޒު ކުރި މައްސަލައަކާ ގުޅިގެންނެވެ. ރާގިބު ދިފާއީ ވަކީލެއްގެ ގޮތުގައި ކޯޓަށް ވަޑައިގަތީ، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ މައްސަލައެއްގައެވެ.
ހައިކޯޓުގެ ނިންމުމުގައިވަނީ ދައުލަތާ ދެކޮޅަށް ވަކާލާތުކުރުން މަނާކުރާ ދެ ގިންތިއެއް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ގިންތިއަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މަގާމުތައް ފުރާ މީހުންނެވެ. ދެވަނަ ގިންތިއަކީ ފުރަތަމަ ގިންތީގައި ނުހިމެނުނަސް، އެ މީހަކު މަސައްކަތްކުރާ ދައުލަތުގެ މުއައްސަސާގެ ހައިސިއްޔަތުން އެ މުއައްސަސާގެ މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ މީހުންނެވެ. އެ ދެ ކަންތައް ފާހަގަކޮށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މަގާމެއްގައި ހުންނަވައި ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށެވެ.
ހައިކޯޓުގެ އެ ހުކުމް ސުޕްރީމަށް ކޯޓަށް ހުށަހަޅައިފައިވަނީ ރާގިބެވެ. އޭނާ ވަނީ ދައުލަތާ ދެކޮޅަށް ދުސްތޫރީ މައްސަލައެއްވެސް މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓަށް ހުށަހަޅައިފައެވެ. އެއީ ގދ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ގާނޫނާހިލާފަށް ކަަމަށްބުނެ އެ ރަށަށް ދީފައިވާ ސިޓީގެ ދަަރަޖަ ބާތިލުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ.
އެ މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުގެ ރަޖިސްޓްރާ އަދި ގޮތެއް ނުނިންމަވައެވެ. ނަމަވެސް ދައުލަތާ ދެކޮޅަށް ދުސްތޫރީ މައްސަލަ ހުށަހެޅުއްވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން ރާގިބު އިއްޔެ ވަކިކުރައްވައިފައެވެ.

ގުޅުންހުރި
ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދިނުމުން އަލީ ހުސެއިން: އިބިލީހަށް ވެސް އެ
އަޒްމިރަލްދާގެ ވަރުގަދަ ރައްދެއް: ޕީއެންސީގެ މެންބަރުން މަސައްކަތްކުރީ އަޅުވެތި ކުދި ސޯބުތަކެއް
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވީ ސުއޫދު، އަޅުގަނޑު އެކަމެއް ނުކުރަން: އުޝާމް
އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރައްވައިފި
ފަނޑިޔާރުންނާ ދެކޮޅަށް ހަކިބަސް ދިން ހަނީފަށް ފެނަކައިގެ އިސް މަގާމެއް ދީފި
ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރި މައްސަލައިގެ އިސްތިއުނާފު ސުޕްރީމް ކޯޓުން ބަލައިނުގަތް