ނޮވެމްބަރ 27, 2024

މިއަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި

މިއަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ބަޖެޓް ފާސްކޮށްފައިވަނީ މަޝްރޫއުތަކުގެ ތަފްސީލު މަޖިލީހަށް ދޭންޖެހޭ ގޮތަށް ހިމަނާފައިވާ ރިކޮމެންޑޭޝަންތައް އުނި ކުރުމަށްފަހު އަދި 56.6 ބިލިއަންގެ ބަޖެޓަށް އިތުރު ބަދަލެއް ނުގެނެސް އެވެ.

މަޖިލީހުގެ ބަޖެޓް ކޮމިޓީން ބަޖެޓް ފާސްކޮށްފައިވަނީ މަޝްރޫއުތަކާ ގުޅޭ ތަފްސީލްތައް ދިނުމަށް ޝަރުތުކޮށެވެ.

ނަމަވެސް މިއަދުގެ ޖަލްސާގައި މަޖިލީހުގެ ތަޅުމުގައި ބަޖެޓަށް ވޯޓަށް އެހިއިރު، ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ވަނީ ކޮމިޓީން ކަނޑައެޅި ރިކޮމެންޑޭޝަންތައް އުނިކުރުމަށް ހުށަހަޅުއްވައިފަ އެވެ. އަދި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް އެ ހުށަހެޅުމަށް ތާއީދު ކުރެއްވުމުން މި އިސްލާހު ފާސްކޮށްފައިވަނީ 68 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވި އެވެ.

މި އިސްލާހާއެކު، އަންނަ އަހަރުގެ 56.6 ބިލިއަންގެ ބަޖެޓް ފާސްކޮށްފައިވަނީ 70 މެންބަރުންގެ ވޯޓުންނެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީގެ 11 މެންބަރުން ވޯޓު ދެއްވީ ބަޖެޓް ފާސްކުރުމާ ދެކޮޅަށެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ މި އަހަރުގެ ބަޖެޓަށް ވުރެ 1.6 ބިލިއަން އިތުރު އަދަދެކެވެ. މި އަހަރު ސަޕްލިމެންޓްރީ ބަޖެޓާ އެކު ބަޖެޓުގެ ޖުމްލަ އަދަދު 55 ބިލިއަން ރުފިޔާ އިތުރުވާއިރު، އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އަންނަ އަހަރުގެ އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ ތެރެއިން 2.6 ބިލިއަން ރުފިޔާއަކީ ހިލޭ އެހީ އެވެ.

ބަޖެޓު ތަފްސީލު

– ޖުމްލަ ބަޖެޓް: 56.6 ބިލިއަން ރުފިޔާ
– އާމްދަނީ: 39.8 ބިލިއަން ރުފިޔާ
– ޕީއެސްއައިޕީ: 12.4 ބިލިއަން ރުފިޔާ
– ރިކަރަންޓް ހަރަދު: 36 ބިލިއަން ރުފިޔާ
– ޑެފިސިޓް: 9.4 ބިލިއަން ރުފިޔާ
– ޖީޑީޕީ ކުރިއަރާ މިންވަރު: 6.4 ފަސެންޓް