ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި އެ މަނިކުފާނަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް އެ މަނިކުފާނުގެ ވިންދު ހުއްޓުނު ކަމަށް އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރު އަބްދުﷲ ނިޔާފް ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ނަޝީދަށް ހަމަލާދިނީ 6 މެއި 2021 ވަނަ ދުވަހުގެ ރޭ ކެނެރީގެ އިން ނުކުމެވަޑައިގެން ހިންގަވާފައި މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަތުމަށް އުޅުއްވަނިކޮށެވެ. ބޮން ގޮވުމާ އެކު އޭގައި ހުރި ރޭޒާ ފުއްތައް ހަށިކޮޅަށް ވަދެ ފުން ޒަހަމްތަކެއް ލިބުނެވެ.
އެ މަނިކުފާނަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އޭޑީކޭ ހޮސްޕިޓަލުންނެވެ. އެ ހޮސްޕިޓަލުން ގިނަ ސާޖަރީތަކެއްވެސް ހެދި އެވެ. އޭގެ ފަހުން އިތުރު ފަރުވާއަށް އެ މަނިކުފާނު ޖަރުމަނަށްވެސް ވަޑައިގަތެވެ.
އެ ހަމަލާއާ ގުޅިގެން ދައުލަތުން ވަނީ މއ. ފޭރުގޭ/ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ/ ފޮޅޭމާ، ތަހުމީން އަހުމަދާއި ނ. މަނަދޫ/ ނޫރީގޭ، އަލީ ހައިޝަމާއި ގއ. ވިލިނގިލީ/ ހުދުރުވާގޭ، ފަހުމީ އަލީގެ އިތުރުން މ. ކުދެހިގޭ/ އިސްހާގާއި އއ. މާޅޮހު/ އަސަރީގޭ، މުހައްމަދު ނާޒިމްގެ މައްޗަށެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ހެކިބަސް ދެމުން ނަޝީދަށް ފަރުވާ ދިން ޑޮކްޓަރުންގެ އިސް ޑޮކްޓަރު ނިޔާފު ވިދާޅުވީ ހަމަލާއާ ގުޅިގެން ނަޝީދު އެމަޖެންސީ ރޫމަށް ގެނައިރު އެ މަނިކުފާނުގެ ހަށިގަނޑުގައި ވަރަށް ގިނަ ޒަހަމްތަކެއް ހުރި ކަމަށެވެ. އެގޮތުން ފުރަތަމަ ހީކުރީ އެ މަނިކުފާނުގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާ ދީފައި ހުރީ ކަމަށް ވިދާޅުވި އެވެ.
ނިޔާފު ވިދާޅުވީ ނަޝީދަށް ދެވަނަ ފަހަރަށްވެސް ހަމަލާއެއް އަތުވާދެނެތީ އާއި އެމަޖެންސީ ރޫމުގައި ތިބި މީހުންގެ ސަލާމަތަށްޓަކައި އެ މަނިކުފާނަށް ފަރުވާ ދިނީ އެމަޖެންސީ ރޫމުގެ މަތީގައި ހުންނަ އޮޕަރޭޝަން ތިއޭޓަރެއްގައި ކަމަށެވެ.
އަދި އެ މަނިކުފާނުގެ ހަށިގަނޑުން 10 ރޭޒާ ފުށް ނެގި އިރު، ނަޝީދުގެ ވާތު ފުއްޕާމޭ އޮތީ ވައި ދައުރުނުވުމުގެ ސަބަބުން އެއްކޮށް ހިނދިފައި ކަމަށާއި ނަޝީދުގެ މޭކަށިގަނޑު ފޫއަޅުވާލައި ރޭޒާ ފުއްތައް ފުއްޕާމެއަށް ވަދެފައި ހުރުމުން އެ އެއްޗެހި ނަގައި، އެ ތަން ބައްދަން ސާޖަރީ ހެދި ކަމަށެވެ.
ނިޔާފު ވިދާޅުވީ ރޭޒާ ފުއްތައް ހުރީ ނަޝީދުގެ ގޮހޮރު ފޫއަޅުވާލާފައި ކަމަށާއި ބޮޑު ގޮހޮރަށް ދިޔަ ރޭޒާ ފުށްތައް ނެގުމަށް ބަނޑުގެ ބޮޑު ބައެއް ކަފާލައިގެން ސާޖަރީއެއް ހަދަން ޖެހުނު ކަމަށެވެ.
އަދި ފައިގެ ފަލަމަސްގަނޑުގެ ދެ ތަނަކުން ރޭޒާފުށްތައް ނަގަން ޖެހުނުއިރު ފައިގެ ކަށިގަނޑުގެ ތެރެއަށް ވަދެފައި އިން ރޭޒާ ފުކަކާއި ކަކުލާ ދިމާ ކަށިގަނޑުގައި އިން ރޭޒާ ފުކެއް ނެގި ކަމަށްވެސް ވިދާޅުވި އެވެ.
ނިޔާފު ވިދާޅުވީ، ބޮލުގެ ނާށިގަނޑު ކައިރިން ވަދެފައި އިން ރޭޒާ ފުކެއްވެސް ނަގައި އެ ތަން ފެހި ކަމަށެވެ. އަދި މައި ލޭ ހޮޅި ތެރެއަށްވެސް ރޭޒާފުކެއް ގޮސްފައި ހުރުމުން އެ ރޭޒާ ފުށް ނަގަން ވަރަށް ގިނަ ވަގުތު ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށް ވިދާޅުވި އެވެ.
މައި ލޭހޮޅި ތެރޭގައި އޮތް ރޭޒާ ފުށް ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ނަޝީދުގެ ވިންދުވެސް ހުއްޓުނު ކަމަށާއި ނަމަވެސް ސީޕީއާރް ދީގެން ކުރި މަސައްކަތުން އަލުން ވިންދު އައި ކަމަށްވެސް ނިޔާފު ވިދާޅުވި އެވެ.
ނިޔާފުގެ ހެކިބަހާ ގުޅިގެން ދިފާއަށް ސުވާލުކުރަން ދިން ފުރުސަތުގައި ދައުވާ ލިބޭ އެއްވެސް ފަރާތެއްގެ ސުވާލު ކޮށްފައެއް ނުވެ އެވެ.
ދައުވާ ލިބޭ ފަރާތްތަކުގެ ވަކީލުން ވިދާޅުވީ ބޮމުގެ ހަމަލާގައި ނަޝީދަށް އަނިޔާވި ކަމާމެދު ދެކޮޅު ނަހަދާ ކަމަށާއި އެހެންކަމުން ނަޝީދަށް އަނިޔާވިކަން ސާބިތުކުރުމުގެ ގޮތުން އިތުރު ހެކިންގެ ހެކިބަސް ނެގުން ކުރިއަށް ނުގެންދިޔަޔަސް މައްސަލައެއް ނެތް ކަމަށެވެ.
މި މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބު ވިދާޅުވީ ދައުލަތުގެ ފަރާތުން މި މައްސަލައިގެ 111 ހެކި ހުށަހަޅައިފައިވާ ކަމަށެވެ. އެ ހުރިހާ ހެކިން ހާޒިރުކޮށް ހެކިބަސް ނަގާނަމަ ކުރިއަށް އޮތް ދެ އަހަރުގައި ވެސް މި މައްސަލައިގެ ޝަރީއަތް ނުނިމޭނެ ކަމަށްވެސް ވިދާޅުވި އެވެ.
އެހެންކަމުން ދައުލަތުން ގެންނަ ހެކިންނާ ސުވާލުކުރަން ދައުވާ ލިބޭ ފަރާތްތަކުން ބޭނުން ނުވާ ނަމަ، އެކަން ބަޔާން ކުރުމަކީ ވަގުތު ސަލާމަތްވާނެ ކަމެއް ކަމަށް ގާޒީ ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ގާޒީ ވަނީ ކުށް ސާބިތުކުރުމަށް ހުށަހަޅައިފައިވާ ހެކިތަކުގެ ތެރެއިން އިއުތިރާޒު ނުކުރާ ހެކިންނަކީ ކޮބައިކަން ދައުވާ ލިބޭ ފަރާތްތަކުގެ ވަކީލުން ދެން އޮންނަ އަޑުއެހުމެއްގައި ސާފުކޮށް ބަޔާން ކުރަން އެދިވަޑައިގެންފަ އެވެ.
ގުޅުންހުރި
ވައްކަންކުރަނިކޮށް ފުލުހުން އައުމުން އަލަމާރި ތެރެއަށްވަދެ ފިލައިފި
މަންމައަށް އަނިޔާކޮށް ގަދަކަމުން ރުފިޔާ ހޯދަން އުޅުނު މީހަކު ހައްޔަރުކޮށްފި
ރޭސް ކާރު އެކްސިޑެންޓް: ކާރު ދުއްވި އިކްރާމް ކުށަށް އިއުތިރާފުވެއްޖެ
މަންޑޭގެ މުދާތައް ޝަރީއަތް ނިމެންދެން ހިފަހައްޓަން އަމުރުކޮށްފި
ލަމްހާ، ގައިދީންތަކަކާ މާރަމާރީ ހިންގައި މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަނީ
މޭރީގެ މަރު: ލަމްހާ އެދުނު ގޮތަށް އޭނާ ބަންދުން ދޫކޮށްލައިފި