ސްޓެލްކޯގެ ސްޓޭޝަންތަކާއި ކަރަންޓު ފޮށިތައް ސާފުކުރަން މުވައްޒަފުން ނުކުމެއްޖެ

ސްޓެލްކޯ އިން ހިދުމަތް ފޯރުކޮށްދޭން ބޭނުންކުރާ ތަންތަނާއި ފެސިލިޓީސްތައް ހިމެނޭ ސަރަހައްދުތައް ސާފުކޮށް ބޭއްވުމަށް ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.

”ސާފު ވެށި، މަގޭ ޒިންމާ“ގެ ނަމުގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމް ފައްޓަވައިދެއްވީ މިއަދު ހެނދުނު ސްޓެލްކޯގެ މައި މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމާއި މާލެ ސިޓީ މޭޔަރު އާދަމް އާޒިމާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެވެ.

ސްޓެލްކޯ އިން ބުނީ، ސިލްސިލާކޮށް ފެށި އެ ޕްރޮގްރާމްގެ ދަށުން މާލެ، ހުޅުމާލެ، ވިލިމާލޭގެ އިތުރުން އެ ކުންފުނިން ހިދުމަތް ދެމުން ގެންދާ ރަށްތަކުގެ ސަބް ސްޓޭޝަންތަކާއި ޑިސްޓްރިބިއުޝަން ފޮށިތައް ހިމެނޭ ސަރަހައްދުތައް ސްޓެލްކޯގެ މުވައްޒަފުން ނުކުމެ ސާފުކޮށް ބަލަހައްޓަމުން ގެންދާނެ ކަމަށެވެ.

އެ ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ތިމާވެށީގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ސްޓެލްކޯއަށް ނިސްބަތްވާ ހުރިހާ ސަރަހައްދެއް އަބަދުވެސް ސާފުކޮށް ބޭއްވުމަށް މުވައްޒަފުންނަށް ހިތްވަރުދީ ބެލެހެއްޓުން ކަމަށްވެސް ބުންޏެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ، މިއަދު ފެށި ޕްރޮގްރާމަކީ ކުޑަ އެހެން ނަމަވެސް ނަތީޖާ ފުރިހަމަ ވެގެންދާނެ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން ދުނިޔޭގެ އެހެން ކެޕިޓަލް ސިޓީތައްވެސް ރީތި ތަނެކޭ ބުނާ ގޮތަށް މާލެއަކީވެސް ރީތި ތަނެއް ކަމަށް ބުނަން އެ ކުންފުނިން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.