މި ސަރުކާރުން އެއްވެސް މީހަކު އިސްތިސްނާ ނުކޮށް އެ މީހެއްގެ ހަށިގަނޑާއި ފުރާނަ ރައްކާތެރިކުރެވޭނެ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އިހުސާން އެހެން ވިދާޅުވީ މުޖުތަމައުގައި ބިރުވެރިކަން އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރި ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓު ހުސެއިން ޝާފިއު (ތުއްތު) ފުލުސް އޮފީހަށް ހާޒިރުވާން އެންގުމުން އެކަން ކުށްވެރިކޮށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.
ފައްޔާޒުގެ ޕޯސްޓުގައި ވިދާޅުވީ ސަރުކާރާ މެދު ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުމަކީ ބޮޑު ކުށަކަށް މިއަދު ވެއްޖެ ކަމަށެވެ.
”ރައްޔިތުންގެ އަޑު ކަނޑުވާލައި، ހިޔާލު ފާޅުކުރުމަށް ހުދުމުހުތާރު ވެރިން އަބަދުވެސް ހުރަސް އަޅާނެ. ހިޔާލާއި ފިކުރުގައި ތަޅެއް ނޭޅުވޭނެ. މިހެން ޗިޓު ފޮނުވިޔަސް ފާޅުގައި ބަސް ބުނުމުގެ ހިތްވަރު ދިވެހިންގެ އަދި ހާއްސަކޮށް އެމްޑީޕީގެ މެމްބަރުންގެ ހުންނާނެ،“ ފައްޔާޒުގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
ފައްޔާޒުގެ އެ ޕޯސްޓަށް ރައްދު ދެއްވައި އިހުސާންގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝާފިއު އެކްސްގައި ކުރި ޕޯސްޓުގައި ލިޔެފައި އޮތީ، ”މަށަށް ކަލޭ މަގެއްމަތިން ނުފެއްނާތި!“ ކަމަށާއި އެ ޖުމުލައިން ކޮންމެވެސް މީހަކަށް ނިސްބަތްކޮށް އެ މީހަކު މަގެއްމަތިން ފެނިއްޖެނަމަ އެ މީހަކަށް ޖިސްމާނީ ގޮތުން ގެއްލުމެއް ދީފާނެ ކަމަށް ދޭހަވާ ގޮތަށް އޮތުމުން އެކަމުގެ ތަފުސީލު ހޯދާ އެކަން ސާފުކުރުމަކީ ކަމާބެހޭ އިދާރާތަކުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
”މާދަމާ މީހަކު މިފަދަ އިބާރާތެއް މަނިކުފާނަށް ނިސްބަތްކޮށް ނުވަތަ ދޭހަވާ ގޮތަށް ބުނެފިނަމަ އެއީ ހިޔާލުފާޅުކުރީ ކަމަށް ބަލާ އަޅާނުލާ ތިބެންވީތޯ؟ އަދި އެހެން ތިއްބާ މަނިކުފާނު މަގެއްމަތިން ފެނި ޖިސްމާނީ އަނިޔާއެއް ދީފިނަމަ އެއީ ފާޅުކުރި ހިޔާލު އިތުރަށް ސާފުކޮށްދިނީ ކަމަށް ބަލާ އަޅާނުލާ ތިބެންވީތޯ؟ މިއީތޯ މަނިކުފާނުގެ ޒައާމަތެއްގައި މި ގައުމުގައި ކަންކަން އޮންނާނެ ގޮތަކީ؟“ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ފައްޔާޒަށް ރައްދުދެއްވައި އިހުސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މި ސަރުކާރުން އެއްވެސް މީހަކު އިސްތިސްނާ ނުކޮށް އެ މީހެއްގެ ހަށިގަނޑާއި ފުރާނަ ރައްކާތެރިކުރެވޭނެ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ އިމުގެތެރޭގައި ހިޔާލުފާޅުކުރެވޭނެ އެންމެ ފުޅާމިނަށް އެކަން ކުރެވޭނެ މަގު އަބަދުވެސް އޮންނާނެ ކަމަށް ވިދާޅުވި އެވެ.

5 Comments
ގުޅުންހުރި
ޑިންގީ އެއްގައި ދަތުރުކުރަން ނުކުތް ޒަކަރިއްޔާ އަދިވެސް ނުފެނޭ
ކަޅު ބާޒާރުގައި ޑޮލަރު އަގު 20 އަރައިފި
ޒުވާނުންނަށް ކުރާ ހޭދަ އިތުރުކުރަން ރައީސް ގޮވާލައްވައިފި
ޖުވާގެ ފައިސާ އިން ހަރަދުކުރާ މީހަކު ސުވަރުގެއިން މަހުރޫމުވެ، ނަރަކަވަންތަވެރި ވެދާނެ
ގދ. ގަމުން ޑިންގީއެއްގައި ދަތުރުކުރަމުންދިޔަ މީހަކު ގެއްލިގެން ހޯދަނީ
ހުޅުމާލޭގައި ހުންނަ އެންސިސްގެ ގުދަނުގައި ރޯވެއްޖެ