މުސާރަ ދިނުމަށް ފެނަކައަށް ވަނީ ފައީސާ ދޫކޮށްފައި: ޒަމީރު

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ---

ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ބޭނުންވާ ފައިސާ އެ ކުންފުންޏަށް ހަވާލުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ފެނަކައިގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން އެ ކުންފުނީގެ މުވައްޒަފުންނަށް މިމަހުގެ މުސާރަ އިއްޔެއާއި ހަމައަށް ވެސް ޖަމާކޮށްފައިނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމާ ގުޅިގެން މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ ފެނަކައަކީ އާމްދަނީ ލިބެމުންދާ ކުންފުންޏެއް ކަމަށާއި އެ ކުންފުންޏަށް އާމްދަނީ ހޯދޭނެ ވަސީލަތްތައް އެބަހުރި ކަމަށެވެ. ފެނަކަ ހިންގުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ކަމަށް ޒަމީރު ވިދާޅުވި އެވެ.

”ހަމައެކަނި ދައުލަތުން ފައިސާދޭކަމަށް ވެއްޖެއްޔާ ކީއްވެގެންތޯ ކުންފުންޏެއް ހަދައިގެން އެތަންތަން ހިންގަނީ؟ އެއަށްވުރެ މާ ރަނަގަޅު ވާނެ ސަރުކާރުގެ ޑިޕާޓްމަންޓަކަަށް ހަދައިފަ މިހާރު ސިވިލްސާވިސްގަ މިދޭ ގޮތަށް ސެެލެރީ ދެވޭނެ، ކުންފުންޏެއް ހަދައިގެން އެތަނަށް ލިބޭ އާމްދަނީ އެތަނުގެ އެކައުންޓަށް ޖަމާކުރާއިރުގައި ކޮންމެ ފަހަރަކު ސަރުކާރުން އެފައިސާ ދޭން ޖެހޭ ސަބަބެއް ނެތް،“ ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ ދައުލަތުގެ މާލިއްޔަތުން މިހާރު ފެނަކައަށް ފައިސާ ދޫކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިހާރު މުސާރަ ނުދެވި ހުރެވިގެންނުވާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.

”އަޅުގަނޑަކަށް ހިއެއްނުވޭ އެއްވެސް ބަޔަކަށް މުސާރަ ނުދެވި ހުންނާނެ ހެންނެއް. މި އެޕްލައިވޭ އިނގޭތޯ ހުރިހާ ކުންފުންޏަކަށް،“ އޭނާ ވިދާޅުވި އެވެ.

ފެނަކައިގެ މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދި ދީފައި ނުވާއިރު މީގެ ކުރިން ވެސް ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މުސާރަ ލަސްވުމުގެ ޝަކުވާ ފެންމަތިވެފައިވެ އެވެ.

ފެނަކައަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ދަރަނި ބޮޑު އަދި މާލީ މައްސަލަތައް އެންމެ ގިނަ އެއް ކުންފުންޏެވެ.