ބުރުގާ އެޅުމަށާއި ތުނބުޅި މަތިމަސް ބެހެއްޓުމަށް ރިސޯޓް މުވައްޒަފުންނަށް ހުރަސްނާޅަން ގޮވާލައި ގަރާރެއް!

ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ތަބާވާންޖެހޭ ގްރޫމިން އަދި ހެދުންއެޅުމުގެ އުސޫލުތައް ހުރި ގޮތުގެ ސަބަބުން، ބުރުގާ އެޅުމަށާއި، ތުނބުޅި މަތިމަސް ބެހެއްޓުމަށް، ހުރަސް ނޭޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

އެ ގަރާރުގައި މައުރޫފު ވިދާޅުވީ އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ލިބިގެންވުމަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 19 ވަނަ މާއްދާއިން ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ. އޭނާ ވިދާޅުވީ ގާނޫނުއަސާސީގެ 37 ވަނަ މާއްސާއިން ކޮންމެ ރައްޔިތަކަށް އެ މީހަކު އިހްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ ހައްގު ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

”ބުރުގާ އެޅުމާއި ތުނބުޅި މަތިމަސް ބެހެއްޓުމަކީ އިސްލާމީ ޝަރީއަތުގެ އަސްލަކާ ހިލާފު ކަމަކަށް ނުވާއިރު އަދި ރާއްޖޭގެ އެއްވެސް ގާނޫނަކުން މަނާކޮށްފައިވާ ކަމަކަށް ނުވާއިރު ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ބައެއް ތަންތަނުގައި މުވައްޒަފުން ތަބާވާންޖެހޭ ގުރޫމުން ސުޓޭންޑަޑް ނުވަތަ ހެދުން އެޅުމުގެ މިންގަނޑުތައް އެކުލަވާލާފައިވާ ގޮތުގެ ސަބަބުން މަސައްކަތުގެ މާހައުލުގައި އަންހެން މުވައްޒަފުން ބުރުގާ އަޅައިގެން އުޅުމަށާއި ފިރިހެން މުވައްޒަފުންނަށް ތުނބުޅި އަދި މަތިމަސް ބެހެއްޓިމަށް ހުރަސްތަކެއް ކުރިމަތިވާކަމަށް ފެނޭ.“ ގަރާރުގައިވެ އެވެ.

އެހެންކަމުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅޭ ގްރޫމިން އަދި ހެދުންއެޅުމުގެ އާންމު މިންގަނޑެއް ނުވަތަ އުސޫލެއް އެކުލަވާލުމަށް ސަރުކާރަށް ގޮވައިލާ ކަމަށް މައުރޫފު ވިދާޅުވި އެވެ.

ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަންތަނުގެ މުވައްޒަފުން ތަބާވާންޖެހޭ ޑްރެސްކޯޑުތަކުގައި ބުރުގާ އަޅައިގެން މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށާއި ތުނބުޅި އަދި މަތިމަސް ބަހައްޓައިގެން މަސައްކަތްކުރަން އެދޭ ފިރިހެން މުވައްޒަފުންނަށް ހުރި ހުރަސްތައް ނައްތާލައި ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަންތަނުގެ މުވައްޒަފުން އަމަލުކުރަންޖެހޭ ގުރޫމިން ސްޓޭންޑާޑްތައް އަދި ޑްރެސްކޯޑު އެކުލަވާލުމުގައި ރިއާޔަތްކުރަންޖެހޭ އެއްހަމަ އަދި އާންމު މިންގަނޑެއްގެ ނުވަތަ އުސޫލެއް އެކުލަވާލުމަށް ވެސް މައުރޫފު ވަނީ ގޮވައިލައްވައިފައެވެ.