ފެމިލީ ކޯޓުގެ ޝަރީއަތެއްގެ ތެރެއިން، ޝަރީއަތުގެ ހުއްދަ ނުހޯދާ ބޭރަށްދިޔަ އަންހެނަކު ތިން ދުވަހަށް ޖަލަށްލުމަށް ހުކުމްކުރުމަށްފަހު، އެ އަންހެން މީހާ މާފު ދީފި އެވެ.
ފެމިލީ ކޯޓުން މިދިޔަ މަހު އެ އަންހެން މީހާ ޖަލަށް ލާން ހުކުމްކުރީ ޝަރީއަތް ކުރިއަށްދަނިކޮށް ގާޒީގެ ހުއްދަ ނެތި ޝަރީއަތުގެ މަޖިލިސް ދޫކޮށް ނުދެވޭނެ ކަމާއި އެކަން އެގޮތަށް ކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށް އެ އަންހެން މީހާ ޝަރީއަތުގެ މަޖިލީހުން ނުކުތުމުންނެވެ.
އެއީ ކޯޓުގެ ހުރުމަތް ކަނޑާލުމުގެ އަމަލަކަށްވާތީ ފެމިލީ ކޯޓުން އެ މައްސަލައިގައި ހުކުމްކުރީ އަންހެން މީހާ ތިން ދުވަހަށް ޖަލަށް ލުމަށެވެ. އެ ހުކުމް ކުރުމުން އަންހެން މީހާ ވަނީ ކޯޓުގެ ހުރުމަތް ކަނޑާލައިފައިވާތީ އެކަމަށް މައާފަށް އެދިފަ އެވެ.
ފެމިލީ ކޯޓުން ބުނީ އެ ކޯޓުގެ ހުރުމަތް ކެނޑުމުން އަޅާ ފިޔަވަޅެއް މައާފު ކުރެވޭނެ ގޮތެއް ފެމިލީ ކޯޓުގެ އާއިލީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކޮށްފައި ނެތް ނަމަވެސް، މައާފުކުރަން ހުރަހެއް ނެތް ކަމަށެވެ.
އެހެންކަމުން އޭނާ ތިން ދުވަހަށް ޖަލަށްލުމަށް ކުރި ހުކުމް ތަންފީޒު ނުކޮށް ދޫކޮށްލުމަށް ނިންމީ ކަމަށް ކޯޓުން ބުންޏެވެ.
ގުޅުންހުރި