ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ބަލަމުންދާ މައްސަތައް ނިމުމުން، މަސްތުވާތަކެތީގެ މައްސަލަ ފަދަ ކަންކަމުގައި ހައްލުތަކެއް ހުށަހަޅުއްވާނެ ކަމަށާއި ޔުނިފޯމު އެޅި މުއައްސަސާތަކަށް އިތުބާރު ކޮށްގެން ބަލަން ތިބެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ އިހުމާލުތަކުގެ ސަބަބުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެވަމުންދާ ކަމަށެވެ.
”އަޅުގަނޑުމެންނަށް ފެނިފައި އެބަހުރި ކަސްޓަމްސްގެ އިހުމާލު ވެސް ވަރަށް ބޮޑަށް އޮތް މަންޒަރު. އިރާދަކުރެއްވިއްޔާ 241 ކޮމިޓީން މިހާރު ބަލަމުންދާ މައްސަލަތައް ނިމުނީމާ އެކަށީގެންވާ ހަރުކަށި އަދި ތަންފީޒު ކުރެވޭ ފަދަ ހައްލުތަކެއް ސަރުކާރަށް ހުށަހަޅާނަން. އަޅުގަނޑުމެންނަށް ނެތް ޔުނިފޯމް އެޅި މުއައްސަސާތަކާ މެދު ވެސް އިތުބާރު ކޮށްގެން ބަލަން ތިބެވޭކަށް،“ ނާޒިމް ވިދާޅުވި އެވެ.
ކަސްޓަމްސްގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ބެގެޖް ބާލައި، އަރުވާ މީހުންގެ ތެރޭގައި މަސްތުވާތަކެތި އެތެރެކުރަން އެހީވެދޭ މީހުން އުޅޭ ކަމުގެ އަޑުތައް އިވޭ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
”އިންޓަނޭޝަނަލް ފްލައިޓްތަކުން އަންނަ ވަކި ފާހަގައެއް ޖަހާފައި ހުންނަ ސުއިޓްކޭސްތައް ނަގާފައި އެ ޑޮމެސްޓިކް ޓާމިނަލްގެ ބެލްޓަށް ލީމާ އެއްވެސް އެކްސްރޭއެއް ނުކުރެވި އެ މާލެ ތެރެއަށް އެތެރެވެ ދާ ތަން. އެ ރިންގް ވެސް މިހާރު ވަނީ ނިމިފައި،“ ނާޒިމް ވިދާޅުވި އެވެ.
ވީއައިއޭގެ ކުނި އުކާލުމުގެ ތެރެއިން އެ ފަދަ ސުއިޓްކޭސްތައް ބޭރުކުރަން މަސައްކަތްކުރާ ކަމުގެ އަޑުތައް ފެތުރިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
”ޑްރަގަސް އެތެރެ ކުރަން ބޭނުންވާ މީހުން މިހާރު ބޭނުންވަނީ އެއާޕޯޓްގެ ކުނި އުކާލުމާ ވެސް ހަވާލުވާން، އޭރަށް ދެން މި ދެންނެވި ސުއިޓްކޭސްތައް ހުންނާނީ ގޮނޑުގައި. ގޮނޑުން ނަގައިގެން އެ އެއްޗެހިތައް އެތެރެވާ ގޮތަށް ހަމަޖެހެން އެ މީހުން ބޭނުންވެގެން ކަންކަން މިގޮތަށް މި ދަނީ،“ ނާޒިމް ވިދާޅުވި އެވެ.
ވެލާނާ އެއާޕޯޓްގެ ކުނި މިދިޔަ އަހަރު އޮކްޓޯބަރު މަހާ ހަމައަށް އުކާލަމުންދިޔައީ ސަރުކާރުގެ ކުންފުނި، ވެމްކޯއިންނެވެ. ނަމަވެސް، ހިދުމަތަށް ކުރަން ޖެހޭ މަސައްކަތާއި ލިބޭ އަގު ދެކޮޅު ނުޖެހޭ ކަމަށް ބުނެ ވެމްކޯ އިން ވަނީ ވެލާނާ އެއާޕޯޓުން ކުނި ނެގުމުގެ މަސައްކަތް ދޫކޮށްލައިފަ އެވެ. އަމިއްލަ ކުންފުންޏަކާ އެ މަސައްކަތް މިހާރު ވަނީ ހަވާލުކޮށްފަ އެވެ. އަމިއްލަ ކުންފުންޏަކުން އެއާޕޯޓްގެ ކުނި އުކާލަމުންދާ މައްސަލަ ފެންމަތިވުމާ އެކު ފިނޭންސް މިނިސްޓްރީ މެދުވެރިވެގެން ވެމްކޯއިން ވަނީ ކުނި އުކާލުމުގެ މަސައްކަތް އަލުން ފެށުމަށް އެއްބަސްވި އެވެ.
ނާޒިމް ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރަން އިހުލާސްތެރި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި މިހާރު މިއޮތް ހާލަތަށް ދިޔައީ ދައުލަތުގެ މުއައްސަސާތަކުގެ ވެސް އިހުމާލު އޮވެގެން ކަމަށެވެ.
ރާއްޖޭގެ ބޯޑަރުތަކުން މަސްތުވާތަކެތި އެތެރެވެގެން ނާންނާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭންޖެހޭ ކަމަށެވެ. އަދި އެފަދަ އަމަލުތައް ހިންގައިގެން މުއައްސަސާތަކުގައި ތިބޭ މީހުން ނުހައްގު މުއްސަނދިކަން ނުހޯދޭނެކަން ވެސް ޔަގީންކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ގުޅުންހުރި
ބަދަލުދިން މައްސަަލައިގައި އިބޫ އަދި ފައްޔާޒަށް ދައުވާކޮށްދޭން ފޮނުވުމަށް ކޮމިޓީން ފާސްކޮށްފި
މަޓީން އެދުމުން ބޭރު ފައިސާގެ ބިލުގެ ކޮމެޓީ ސިއްރުކޮށްފި
މެންބަރެއްގެ ގޮނޑި ގެއްލުވާލައިފި ނަމަ، އަލުން އިންތިހާބު ކުރަން އެމްޑީޕީން އެހީވަނީ
ޑްރަގް ވިޔަފާރިކޮށް މަނީ ލޯންޑާކުރަމުންދާ ނެޓްވޯޓެއް ފުވައްމުލަކުން އަތުލައިގެންފި
”އަމީނަށް ހެދި ގޮތް“ ހަދަންޖެހޭ ކަމަށް ބުނުމުން މަޖިލީހަށް ކުއްލި މައްސަލައެއް!
ފުއާދު ތައިލެންޑު ސަފީރަކަށް، އިންޝާ އެންއައިސީއަށް އައްޔަންކުރަން ފާސްކޮށްފި