ޑިސެމްބަރ 22, 2024

ހެނދުނު އައި ގަދަ ވިލާގަނޑާއެކު ހެނބަދޫގައި ތިން ފޫޓަށް ފެންބޮޑުވެއްޖެ!

ނ. ހެނަބެދޫއަށް ބޯކޮށް ވާރޭވެހި މުޅިރަށުގައި ފެންބޮޑުވެ، ހިފާ ގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ހެނބަދޫ ކައުންސިލުން ބުނީ އެ ރަށަށް މިއަދު ހެނދުނު 6:00 އިން ފެށިގެން ދަނީ ވަރަށް ބޯކޮށް ވާރޭވެހުމުން ކަމަށެވެ.

”އެ ވިލާގަނޑުގެ އަދިވެސް ވެހެމުން މިދަނީ. ދެގަނޑިއިރުގެ ތެރެއިގައި ހަމަ މުޅި ރަށުގައި ފެންބޮޑުވެއްޖެ. ތިން ފޫޓަށް ވެސް ހަތަރު ސަރަހަދެއްގައި ފެންބޮޑުވި، ރަށު ތެރެއިގައި ފެންބޮޑުވީ ފޫޓެއްހާ މިންވަަރަށް“ ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ ފެންބޮޑުވުމުގެ ސަބަބުން އެ ރަށު ގިނަ ގެތަކަށް ފެންވަދެފައިވާ ކަމަށެވެ. އެގޮތުން ރަށުގެ 75 ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންވެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

ރަށު ތެރެއިން ފެން ހިންދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުންނާ ގުޅިގެން ކައުންސިލުން ކުރަމުންދާ ކަމަށް ކައުންސިލުން ބުންޏެވެ.

އެމްއެންޑީއެފުން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ ހެނބަދޫގައި ފެން ބޮޑުވެ، މީހުން ދިރިއުޅޭ ގޭގެއަށް ފެންވަންނާތީ، އެ ރަށުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ގިނަ ރަށްތަކުގައި ފެންބޮޑުވެފައިވާއިރު ދިއްފުށީގައިވެސް ފެންބޮޑުވެ ގެތަކަށް ވަނީ ފެންވަދެފައެވެ. އަދި މާލެ ސިޓީގައިވެސް ފެންބޮޑުވެފައިވާއިރު، އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ ތޮއްޑޫ އާއި ދިއްފުއްޓަށެވެ.

މި ވިއްސާރައިގައި މޫސުމަށް ސަމާލުވުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އަދި ކަނޑުމައްޗަށް އެރުމުގައި ސަމާލުކަން ދިނުމަށް މޫސުމާއި ބެހޭ އިދާރާ އާއި އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.