މަގާމަށް ހަމަޖެއްސިތާ ތިން މަސް، ޕީއެސްއެމްގެ އެމްޑީ ސައީދު އިސްތިއުފާ ދެއްވައިފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު އިސްތިއުފާ ދެއްވައިފި އެވެ.

ސައީދު ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހަމަޖެއްސެވީ މިދިޔަ އޮގަސްޓް 24 ގައެވެ. އެއީ ކުރިން އެ މަގާމުގައި ހުންނެވި ޒީނާ ޒާހިރު އިސްތިއުފާ ދެއްވުމުންނެވެ.

މަގާމަށް އައްޔަންކުރެއްވިތާ ހަތަރު މަސް ފުރެން ހަފުތާއަކަށް ވެފައި ވަނިކޮށް ސައީދު އިސްތިއުފާ ދެއްވީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ. ނަމަވެސް ޕީއެސްއެމް އަދި ޕީސީބީ އިންވެސް މިހާތަނަށް ރަސްމީ ބަހެއް ބުނެފައި ނުވާތީ ސައީދު އިސްތިއުފާގެ ސަބަބު އަދި ސާފެއް ނުވެއެވެ.

ސައީދު ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އިރު، އެ މީޑިއާގެ ދެ މައްސަލައެއް މި ފަހުން ބޮޑުވި އެވެ.

އެއް މައްސަލައަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއް ލައިވްކޮށް ދެއްކިއިރު ގުރުއާނުގެ އާޔަތަކުން ތަންކޮޅެއް އުނިވާ ގޮތަށް ދެއްކި މައްސަލައެވެ. އަނެއް މައްސަލައަކީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ގެނެސްދިން އިނގިރޭސި ހަބަރުގައި މީހެއްގެ ބަރަހަނާ މަންޒަރެއް ދެއްކުނު މައްސަލަ އެކެވެ.