ބިންވެރިޔާ ސްކީމުން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ނަން ނެތީސް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލްގެ އެއްބަނޑު އެއްބަފާ ބޭބެ މުހައްމަދު ފަޒީލަށް ހުޅުމާލެއިން ގޯއްޗެއް ދިން ކަމަށް ބުނާ މައްސަލައާ ގުޅިގެން އެޗްޑީސީގެ އިސް މަގާމުތަކެއް ފުރަމުން ދިޔަ މުވައްޒަފުންތަކެއް ސަސްޕެންޑު ކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ސަސްޕެންޑުކޮށްފައިވަނީ، އައިޓީ ކޮންސަލްޓެންޓް އަބްދުﷲ ޝުހޫދު، ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުﷲ ފާއިދު، ޗީފް ބިޒްނަސް އޮފިސަރު އަހުމަދު ޔާމީން އަދި އެސްޓޭޓު ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު އައިމަނެވެ.
ޕީސީބީން މިއަދު ވަނީ އެޗްޑީސީގެ ބޯޑުގައި ހިމެނޭ އަހުމަދު ނާސިހު (ޑީޑީ) ފިޔަވާ، މެނޭޖިން ޑިރެކްޓަރު ފަޒުލް އާ އެކު ކުންފުނީގެ ބޯޑު މެންބަރުން ވެސް ސަސްޕެންޑުކޮށްފަ އެވެ.
ފަޒީލަށް ހުޅުމާލެއިން ބިމެއް ދިން ކަމުގެ މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނައީ ’ހަސަން ކުރުސީ‘ ނަމުގައި އެކްސްގައި، ކާކުކަން ނޭނގޭ މީހަކު ހިންގާ އެކައުންޓަކުންނެވެ. އެ އެކައުންޓުން އާންމުކުރި ލިއުންތަކުން އެނގޭ ގޮތުގައި، ހުޅުމާލޭ ދެވަނަ ފޭސްގެ އެއް ބިން ދެ މީހަކަށް ދީ، އެ ދެ މީހުން ވެސް އެ ތަނުގެ ވަށާފާރު ރާނަން އެޗްޑީސީއަށް ހުށައަޅާފައިވެ އެވެ. ބިން ލިބިފައި ވަނީ އަސްލު ކާކަށްތޯ ކަށަވަރުކުރަން އެޗްޑީސީގެ ޑެޕިއުޓީ ޑިރެކްޓަރު އަހްމަދު އައިމަން ސޮއިކުރައްވައި މިދިޔަ ޖުލައި މަހު ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުއްވި ކަމަށްވެ އެވެ.
އެ ސިޓީގެ ޖަވާބުގައި 15 އޮގަސްޓްގައި ހައުސިންގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނިޒާމް ފޮނުއްވި ކަމަށް ބުނާ ސިޓީގައި ވަނީ އެ ދެ މީހުންނަކީ ވެސް ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ބައެއް ނޫން ކަމަށް މިނިސްޓްރީގެ ޑޭޓާބޭސްއިން ދައްކާ ކަމަށެވެ.
އުސޫލުން ބޭރުން ގޯތިން ދިން މައްސަލަ ފުލުހުންނާއި އޭސީސީން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފު ވަނީ އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ވެސް ކުރުމަށް އަމުރުކޮށްފަ އެވެ.




5 Comments
ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ފެނަކަ ސައީދު ގޭބަންދަށް ބަދަލުކޮށްފި
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި