ދެ މިލިޔަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައިސްފި، އެއީ އޮސްޓްރިއާގެ ރައްޔިތެއް!

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ދެ މިލިޔަން ވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

މިއާއިއެކު ރާއްޖެއަށް މިއަހަރު ގެނައުމަށް އަމާޒު ކަނޑައަޅާފައިވާ އަދަދުކަމަށްވާ ދެ މިލިޔަން ފަތުރުވެރިންގެ އަމާޒު މިވަނީ ހާސިލުވެފަ އެވެ.

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ދެ މިލިޔަން ވަނަ ފަތުރުވެރިޔާއަކީ އޮސްޓުރިއާގެ ރައްޔިތެކެވެ.

އެ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވީއައިއޭގައި އޮތް ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ޝިއުރީ، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ޝަރީފް މުޖައްމަދު އަދި އިމިގްރޭޝަން އިސްވެރިން ބައިވެރިވަޑައިގެންނެވި އެވެ.

ރާއްޖެއިން މިއަހަށް ހިފާފައިވާ އަމާޒު ހާސިލްކުރެވިފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަށް ސަރުކާރުންވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

އެގޮތުން ކުރެވުނު މަސައްކަތްތަކާއި އެކު މިއަހަރުގެ ފެބްރުއަރީ މަހަކީ ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި މަހެކެވެ. ފެބްރުއަރީ މަހު ރާއްޖެއަށްވަނީ 2 ލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ.