ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ކޮރަޕްޝަންގެ މައްސަލަތަކަކާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އާއި ކުންފުނީގެ ކުރީގެ ސީއެފްއޯ ޔާސިރް ހުސެއިން ރާއްޖެ އިން ބޭރަށް ނުދެވޭ ގޮތަށް ޕާސްޕޯޓު ހިފަހައްޓައިފިއެވެ.
ފުލުހުން މިރޭ ބުނީ ފުލުހުން ތަހުގީގު ކުރަމުން ގެންދާ މައްސަލައަކާ ގުޅިގެން މޫކޭ އާއި ޔާސިރު ފުރުން މަނާ ކުރުމުގެ އަމުރު ނެރެ، އެކަން އެ ބޭފުޅުންނަށް އަންގާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން އިތުރު ވާހަކައެއް ފުލުހުން ހާމައެއް ނުކުރެއެވެ.
އާރްޑީސީއާ ގުޅޭގޮތުން ފުލުހުން ތަހުގީގު ކުރަމުންގެންދާ މައްސަލައާ ގުޅިގެން ފުލުހުން ވަނީ މީގެކުރިން މޫކޭއާއި ޔާސިރު ދިރިއުޅޭތަން ބަލައި ފާސްކޮށް އިލެކްޓްރޯނިކް ބައެއް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ކުރިމިނަލް ކޯޓުން މޫކޭ ދިރިއުޅޭތަން ބަލައިފާސްކުރުމަށް ނެރުނު އަމުރުގައި ވަނީ އާރުޑީސީގެ އެމްޑީގެ މަގާމުގައި ހުންނެވިއިރު މޫކޭ ވަނީ ކުންފުނީގެ ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކޮށް، އަމިއްލަ މަންފާ ހޯއްދަވާފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރެވޭތީ މި މައްސަލައިގެ ތަހުގީގަށްޓަކައި މޫކޭގެ ހަށިގަނޑާއި، އޭނާ ބޭނުންކުރައްވާ މޯބައިލް ފޯނުތަކާއި، އިލެކްޓްރޯނިކް ޑިވައިސްތަކާއި، ސިމްކާޑުތަކާއި އަދި ހެކި ގަރީނާގެ ގޮތުގައި ބެލެވޭ އެހެނިހެން ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ ޔާސިރުގެ އެކައުންޓަށް، ޝައްކު އުފެދޭ ގޮތަށް ގިނަ އަދަދަކަށް ފައިސާ ވަންނަމުން ގޮސް 13 މިލިއަން ރުފިޔާ ޖަމާވެފައިވާ މައްސަލައެއް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެއެ މައްސަލައިގެ ތަހުގީގު ފުލުހުން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ މުއްދަތު ހަމަވާން ތިން ދުވަހަށް ވެފައި ވަނިކޮށް، މިދިޔަ އަހަރުގެ ނޮވެމްބަރު 14 ވަނަ ދުވަހު ފުލުހުން އާރުޑީސީ އަށް ވަދެ ލިޔުންތަކެއް ގެންގޮސްފައި ވެ އެވެ.
ފުލުހުން އާރުޑީސީ އަށް ވަދެ ގިނަ އަދަދެއްގެ ލިޔުންތަކެއް ގެންދިޔަ މައްސަލާގައި މޫކޭ ވަނީ އޭރުގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ) އާ މެދު ވެސް ހިތްހަމަޖެހިވަޑައިނުގެން ވާހަކަ ދައްކަވައިފަ އެވެ. މޫކޭ ވިދާޅުވީ، އެއްވެސް ކަމެއް ނުވާ ކަމަށާއި އާރުޑީސީ އޮފީހަށް ފުލުހުން ވަނީ ”ހެޑްލައިން ހަދަން“ ކަމަށެވެ.

ގުޅުންހުރި
އައްޑޫގައި މަސްވެރިކަމުގެ ލޮޖިސްޓިކް ހަބެއް ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކަށް
އެސްޓީއޯގެ ސިޓީ ހޮޓާ 20 މިލިއަން ޑޮލަރަށް އަގުކޮށް ހުޅުމާލެ 2
ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ އިން ވަކިކުރަން ފަށައިފި
މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިވާ 41500 ރުފިޔާއާއެކު 2 މީހުން ހައްޔަރުކޮށްފި
މީޑިއާ މިނިވަންކަން ހަނިކުރާ ބިލަކީ ރިޔާސީ ދައުރު ދަންމާލުމުގެ ފުރަތަމަ ފިޔަވަޅު:
ލޯނު ދެއްކުމަށް ކަނޑައެޅި ބަޖެޓު ހުސްވެ، އިތުރަށް ހަރަދުކޮށްފި