ދުންފަތް ތައްޔާރުކުރަން ބޭނުންކުރާ ތަކެތި ރާއްޖެއަށް އެތެރެކުރުން މަނާކޮށްފި

ދުންފަތް އުފެއްދުމަކީ ރާއްޖޭގައި މަނާ ކަމަކަށްވާތީ ދުންފަތް އުފެއްދުމަށް ބޭނުންކުރާ ތަކެތިވެސް ރާއްޖެއަށް އެތެރެކުރުން މަނާކޮށްފި އެވެ.

ހެލްތު މިނިސްޓްރީން، ކަސްޓަމަށް މިދިޔަ މަހުގެ 24 ގައި ފޮނުވި ސިޓީއެއްގައި ބުނީ ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ ތަކެތި އެތެރެކުރާ ނަމަ ހިފަހައްޓަން އަންގާ ކަމަށެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިދިޔަ ނޮވެމްބަރު މަހު އިސްލާހު ގެނެސް ވަނީ ވޭޕް އެތެރެކުރުމާއި ބޭނުން ކުރުން މަނާކޮށްފަ އެވެ.

އެ އިސްލާހާ ހަވާލާދީ ހެލްތު މިނިސްޓްރީން، ކަސްޓަމްސްއަށް ފޮނުވި ސިޓީގައި ބުނީ ބިޑި އަދި ސުއްޓާ ފަދަ ދުންފަތުގެ ބާވަތްތައް އަމިއްލަ އަށް އުފައްދަން ބޭނުންކުރާ އެއްވެސް އެއްޗެއް ރާއްޖެ އެތެރެ ނުކުރެވޭނެ ކަމަށެވެ.

އެ ސިޓީގައި ބުނެފައި ވަނީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އެއްވަނަ އިސްލާހުގައި، އެ ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތް އަދި ދުންފަތުގެ ބާވަތްތައް އުފެއްދުމަކީ މަނާކަމެއް ކަމަށެވެ.

އެ ގާނޫނުގެ 42 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގައި، ”ދުންފަތުގެ ބާވަތްތައް“ ކަމަށް ބުނެފައި ވަނީ ދުންފަތާއި ދުންފަތުގެ ތަނޑި އާއި ނިކޮޓިން އާއި އެ ތަކެތި ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗަށެވެ. އަދި އެއިން އެއްވެސް ބާވަތެއް، އެއްވެސް މިންވަރަކަށް ހިމެނޭ އެއްޗެއް، ހަފައިގެން، ބޮއެގެން، ވަސްދަމައިގެން، ހަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން، ޖައްސައިގެން ނުވަތަ އުނގުޅައިގެން ވިޔަސް، ހަށިގަނޑަށް ވާސިލުވާ ގޮތަށް ތައްޔާރުކޮށްފައިވާ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަތެއް ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.

އެގޮތަށް ބަޔާންކޮށްފައި ވިޔަސް، ދުންފަތުން ދުރުހެލިވުމަށް ”ސެޒޭޝަން“ ފަރުވާގެ ތެރެއިން ދެވޭ އަދި ކަމާ ބެހޭ ފަންނީ އިދާރާތަކުން ކަނޑައަޅައި ހުއްދަކޮށްފައިވާ ނިކޮޓިން ރިޕްލޭސްމަންޓް ތެރަޕީ ނުވަތަ ފަރުވާގެ ގޮތުގައި ބޭނުންކުރާ މި ކަހަލަ އެހެން ބާވަތްތައް މި ގާނޫނުގެ ބޭނުމަށް ދުންފަތުގެ ބާވަތްތައް ކަމަށް ނުބެލެވޭ ކަމަށް ބުނެފައިވެ އެވެ.