ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން، މި ހަފުތާ ތެރެއިގައި އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ހަމެޖެހިއްޖެ އެވެ.
އިންޑިއާގެ ވިއޯން ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގައްސާން އިންޑިއާއަށް ވަޑައިގަންނަވަނީ މިމަހުގެ 7-8 އަށެވެ.
ވިއޯން ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ގައްސާންގެ މި ދަތުރަކީ ރަސްމީ ދަތުރެއް ނޫނެވެ.
ގައްސާން، އިންޑިއާއަށް ވަޑައިމިގަންނަވަނީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު، އިންޑިއާއަށް ތިން ދުވަހުގެ ރަސްމީ ދަތުރެއް ކުރެއްވުމަށްފަހު މިއަދު ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)އަށް ފުރާވަޑައިގެންފައި ވަނިކޮށެވެ.
ހަލީލު ވަނީ އިންޑިއާއަށް ވަޑައިގެން އެ ގައުމުގެ ފޮރިން މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާ ބައްދަލު ކުރައްވައިފަ އެވެ.
އެ ދަތުރުގައި ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ހަލީލް ވިދާޅުވެފައިވެ އެވެ.



