ފުލުހުންގެ ހައްޔަރުގައި ހުއްޓައި ދަންޖެހިގެން އާދަމް އަތުހަރު މަރުވި މައްސަލަ ތަހުގީގު ކުރުމަށް ފަހު ދެ ފުލުހަކަށް ދައުވާކޮށްދޭން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ފޮނުވައިިފި އެވެ.
އަންހެނަކު ރަހީނުކުރި މައްސަލައިގައި ފުލުހުންގެ ހައްޔަރުގައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން ހާލު ސީރިއަސްވެ، ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވި އާދަމް އަތުހަރު މަރުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
އެޗްއާރުސީއެމުން މިއަދު ބުނީ އަތުހަރުގެ މަރުގެ މައްސަލައާ ގުޅިގެން ދެ ފުލުހަކަށް ދައުވާކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ. ދައުވާ ކުރާ އަސާސްގެ އިތުރު ތަފުސީލެއް އެޗްއާރްސީއެމުން ހާމައެއް ނުކުރެ އެވެ.
އިސްކަންދަރު ކޮށީގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވެފައިވަނީ، އަތުހަރުގެ މަރުވީ ދަންޖެހުމުގެ ސަބަބުން ކަމަށް އޮޓްޕްސީ ރިޕޯޓުން ދައްކާ ކަމަށެވެ.
”އޮޓޮޕްސީ ނިމިފައި އޮޓޮޕްސީގެ ރިޕޯޓެއް އަޅުގަނޑުމެންނަށް ލިބިފައި އެބަވޭ. އެ ރިޕޯޓުގައި ކޯޒް އޮފް ޑެތްގެ ގޮތުގައި ނުވަތަ މަރުވާން ދިމާވި ސަބަބުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ، ކޮންސިސްޓެންޓް ވިތު ޑެތް ޑިއު ޓު ހޭންގިން،“ ޝިފާއު ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވެފައިވަނީ އަތުހަރުގެ އޮޓްޕްސީ ކުރިއަށް ގެންދިޔައީ އެޗްއާރުސީއެމްގެ ބޭފުޅަކުވެސް ބައިވެރިވެގެން ފުލުހުން ބެލުމުންގެ ދަށުން ކަމަށެވެ. އަތުހަރުގެ މަރުގެ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި އެޗްއާރުސީއެމް އިން ވެސް ތަހުގީގު ކުރަމުންދާ ކަމަށް ޝިފާއު ވިދާޅުވެފައިވެ އެވެ.
ބަންދުގައި ހުއްޓައި އަތުހަރު މަރުވި ސަބަބު ދެނެގަންނަން ޕޯސްޓްމޯޓެމް ހަދަން ފުލުހުން ނިންމި ނަމަވެސް އޭނާގެ އާއިލާއިން ވަނީ ޕޯސްޓްމޯޓެމް ހަދަން ބޭނުންނުވާ ކަމަށް ބުނެފަ އެވެ. އެކަމަކު، ޖަލުގައި މަރުވާ މީހުންގެ އާއިލާއިން ގަބޫލުނުވިޔަސް ޕޯސްޓްމޯޓެމް ހަދަން މީގެ ކުރިން ވަނީ ނިންމައިފައެވެ.
ފުލުހުން މީގެ ކުރިން ހާމަކުރި ގޮތުގައި އަތުހަރު ދަންޖެހިފައި ހުއްޓައި ފެނުމާއި އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިއުމާ ދޭތެރޭ ހޭދަވީ 23 މިނެޓެވެ. އެކަމަކު، އޭނާ ދަންޖެހުނު ފަހުން ފުލުހުންނަށް އޭނާ ފެނުމާ ދޭތެރޭ 30 މިނެޓު ހޭދަވި ކަމަށް ފުލުހުން ނޫސްވެރިންނަށް ދެއްކި ސީސީޓީވީ ފުޓޭޖުން ފެނެ އެވެ.




ގުޅުންހުރި
15,000 ރުފިޔާ ދޭނަމޭ ބުނުމުން ހަވާލުވި ލަގެޖުގައި ޑުރަގް!
ސިނގިރޭޓް ވައްކަން: ކޮންޓޭނަރުތައް ވަގަށް ނެގުމަށްފަހު އެއާ އެއްގޮތަށް ހަދާފައިވާ ދެ
ހަވަނަ ބުރީގެ ސިޑިގޮޅިން މީހަކު ވެއްޓި މަރުވެއްޖެ
ޑޮލަރު ސޫޓް ކޭސް ފޭރިގެން މައްސަލަ: ހައްޔަރުކުރި 4 މީހުންގެ ފޮޓޯ
281 ބަނގުރާ ފުޅި އާއެކު ބަނގުރާ ވިއްކާ ބޮޑުންތަކެއް ހައްޔަރުކޮށްފި
އައްޑޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ ދެމަފިރިން!