ސިނގިރޭޓް ކާޓަންތައް ގެއްލުނު މައްސަލައިގައި 40 މިލިއަން ރުފިޔާ ދައްކަން ވެރިފަރާތަށް އަންގައިފި

އަމިއްލަ ބޮންޑެޑް ވެއާހައުސްއެއްގައި ބަހައްޓާފައިހުރި 34،500 ސިނގިރޭޓް ކާޓަން ގެއްލުނު މައްސަލައިގައި އެ ތަކެތީގެ ވެރިފަރާތުން 40 މިލިއަން ރުފިޔާ ދައްކަން މޯލްޑިވްސް ކަސްޓަމްސްއިން އަންގައިފި އެވެ.

އެނގިފައިވާ ގޮތުގައި 40 މިލިއަން ރުފިޔާ ދެއްކުމަށް ކަސްޓަމުން އަންގައިފައިވަނީ މިދިޔަ ހަފުތާ ތެރެއިގަ އެވެ.

ސިނގިރޭޓް ކާޓަންތައް ގެއްލުނު މައްސަލައާ ގުޅިގެން އެތަކެތީގެ ވެރި ފަރާތާ ދެކޮޅަށް އެފަދަ ފިޔަވަޅެއް އަޅައިފައިވަނީ ކަސްޓަމްސްއަށް ނާންގައި ބޮންޑެޑް ވެއާހައުސްއިން އެއްޗެއް ނެރުމަކީ މަނާ ކަމަކަށް ވާތީވެ އެވެ. އެހެންވެ ކަސްޓަމުން ވަނީ ޑިއުޓީ އަދި ޖޫރިމަނާއާ އެކު 40 މިލިއަނެއްހާ ރުފިޔާ ދައްކަން ވެރިފަރާތަށް އަންގައިފަ އެވެ.

ކަސްޓަމްސްގެ ފަރާތުން ވަނީ ސިނގިރޭޓް ގެއްލުނު މައްސަލަ ފުލުހަށް ހުށަހަޅައި ކަސްޓަމްސްގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ތަނެއްގައި ނޫނީ ބޮންޑެޑް ވެއާހައުސް ނުހެދޭ ގޮތަށް ހެދުމަށް ނިންމައިފަ އެވެ.

ބޮންޑެޑް ވެއާހައުސްތަކުގައި ދެ ތަޅެއް އަޅުވަ އެވެ. އޭގެ ތެރެއިން އެއް ތަޅުގެ ތަޅުދަނޑި އޮންނަނީ ކަސްޓަމްސް އަދި އަނެއް ތަޅުގެ ތަޅުދަނޑި އޮންނަނީ މުދަލުގެ ވެރިފަރާތުގެ އަތުގަ އެވެ. ވެއާހައުސް ހުޅުވަން ޖެހެނީ ދެ ފަރާތުގެ ހާޒިރުގަ އެވެ.