ޖެނުއަރީ 15, 2025

އެލައިޑަށް 40؛ އެއްގަމާއި ކަނޑުން 790 ކިލޯގެ ކުނި ނަގައި، އޭގެން ހާއްސަ އުފެއްދުމެއް ހަދަނީ

އެލައިޑް އިންޝުއަރަންސަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހިންމަފުށީގައި ކިކްއޯފް ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

”ޑައިވް 40″ގެ ނަމުގައި އިއްޔެ ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި މޯލްޑިވްސް އެކަޑެމީ އޮފް ޑައިވިން އާއެކު ހޭލުންތެރިކުރުވުމުގެ ހަރަކާތަކާއި ”ޑައިވް އަގެއިންސްޓް ޑެބްރީ“ގެ އިތުރުން ހިންމަފުށީ ކައުންސިލާއި ސްކޫލް އަދި ގެސްޓްހައުސްތައް ގުޅިގެން ހިންމަފުށީ މަލަމަތި ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

އެ ހަރަކާތުގައި 790 ކިލޯގެ ކުނި ކަނޑުންނާއި އެއްގަމުން ނެގި އިރު، އެ ތިން ހަރަކާތުގައިވެސް އެ ކުންފުނީގެ މެނޭޖުމަންޓާއި މުވައްޒަފުން އަމަލީގޮތުން ބައިވެރިވި އެވެ.

އެލައިޑުގެ 40 ވަނަ އަހަރީ ދުވަސް ފެށުން ވަރަށް ކާމިޔާބުކަން ފާހަގަކޮށް އެ ކުންފުނިން ވަނީ، ޑައިވް 40 އަކީ ރަނގަޅު ނަތީޖާއެއް ނެރެވޭނެ އިވެންޓަކަށް ހެދުމަށްޓަކައި މަސައްކަތް ކޮށްދެއްވި ހިންމަފުށީގައި ބޭސްވެފައި ތިބި ހުރިހާ ފަރާތްތަކާއި އެލައިޑް ޓީމުގެ އިތުރުން އެ ހަރާކާތުގައި ބައިވެރިވުމަށް މާލެއިން ދިޔަ ކުޅަދާނަ ޑައިވަރުންގެ ޓީމަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.

އެލައިޑުން ބުނީ، މިއަދު ކުރި މަސައްކަތުން ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ ގިނަ ކުނި އެއްކުރުމަކީ ހިތްހަމަޖެހޭ ކަމެއް ކަމުގައިވީ ނަމަވެސް އެކަމަކީ ޕްލާސްޓިކާއި ދުރުހެލިވުމަށް އިޖާބަ ދޭ، ހޭލުންތެރި މުޖުތަމައުއެއް އުފެއްދުމުގެ މުހިންމުކަން ފާހަގަވާ ކަމެއް ކަމަށް ބުންޏެވެ.

އެލައިޑުން ވަނީ ތިމާވެއްޓަށް ހޭލުންތެރިކަން އިތުރު ކުރުމުގައި މަގުސަދުގައި ޑައިވް40 އިން އެއްކުރި ޕްލާސްޓިކް ކުނި ބޭނުންކޮށްގެން ދިވެހި ފަންނުވެރިއަކު ތައްޔާރުކުރާ ހާއްސަ އުފެއްދުމެއް، އަންނަ ފެބްރުއަރީގައި ބާއްވާ މޯލްޑިވްސް މެރިން އެކްސްޕޯ 2025 ގައި ފީޗާކުރުމަށް ނިންމައިފަ އެވެ.

އެއީ އެއް މަގުސަދެއްގައި އެއް ބަޔަކު އަނެއް ބަޔަކާ ގުޅިގެން މަސައްކަތްކޮށްފިނަމަ ހާސިލުކުރެވޭނެ ކަންތައްތަކުގެ ލާމަސީލު ރަމްޒެއްކަމުގައިވާނެ ކަމަށްވެސް އެލައިޑުން ބުންޏެވެ.

އެލައިޑް އިންޝުއަރަންސްގެ އަހަރީ ދުވަހަކީ ޖަނަވަރީ 30 ވަނަ ދުވަހެވެ. އެ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކުވެސް އެ ކުންފުނިން ދަނީ ތަފާތު ގިނަގުނަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.

ނަމަވެސް އެހެން އަހަރުތަކާ ހިލާފަށް އެ ކުންފުންޏަށް 40 އަހަރު ފުރުން ފާހަގަކުރުމަށް އަހަރުތެރެއަށް ބަހާލައިގެން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި އަހަރުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ. އެލައިޑުން އެގޮތަށް ނިންމީ އެ ކުންފުނީގެ ތަރައްގީއަށް ރާއްޖޭގެ ރައްޔިތުން ދެމުންގެންދާ އިތުބާރާއި ޔަގީންކަމާއެކު، ކުންފުނިން ހޯދާފައިވާ 40 އަހަރުގެ ކުރިއެރުން ވީހާވެސް ގިނަ ރައްޔިތުންނާ ހިއްސާކުރުމަށެވެ.

Leave a Reply