ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ސަރުކާރުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކުރާނަން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ---

ސަރުކާރުން ދޭ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކުރަން ބޭނުންފުޅުވާ ކަމަށާއި މި ދައުރުގެ ތެރޭގައި ސަރުކާރުން ބޭނުންވާ ގޮތަށް އެކަން ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަތުމުގެ ކުރިން ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ޑިޖިޓަލައިޒް ދާއިރާ އިން އިގުތިސާދު ފުޅާކޮށް، 2030 ވަނަ އަހަރަށް ގައުމީ އުފެއްދުންތެރިކަމުގެ 15 ޕަސެންޓު ޑިޖިޓަލް ދާއިރާއިން ގާއިމުކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ.

އެ އަމާޒަށް ވާސިލުވުމަށް ސަރުކާރުން ދޭ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކުރުމާއެކު ކަރުދާހުން ހުރި އެތައް އަހަރެއްގެ އާކައިވް، ޑިޖިޓަލައިޒް އާކައިވްއެއް ހައްދަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވި އެވެ.

”ކުރިއަށް އޮތް ތަނުގައި، ހާއްސަކޮށް މި އަހަރުގެ ތެރޭގައި ޑިޖިޓަލައިޒް ކުރުމަށްޓަކައި ސަރުކާރުގެ ހުރިހާ ހިދުމަތްތަކެއް، ޕަބްލިކް ސާވިސްގެ ހުރިހާ ކަމެއް، ތައުލީމީ ދާއިރާ، ސިއްހީ ދާއިރާ ހަމަ އެއްކޮށް އިރާދަކުރެވިއްޔާ ކުރިއަށް އޮތް ތިން އަހަރު ތެރޭގައި އަޅުގަނޑުމެން ބޭނުންވާ ގޮތަށް ބަދަލުކުރާނަން،“ ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، 2040 އާ ހަމައަށްދާއިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށްޓަކައި ޑިޖިޓަލް އިގުތިސާދެއް އޮތުމަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށެވެ.

”ދުނިޔެއަށް އަންނަ ތަރައްގީ ބަލައިގަންނަން ޖެހޭނެ. ރިއަލިޓީއަކާ ދެކޮޅަކަށް ނުދެވޭނެ. އާޓިފިޝަލް އިންޓެލިޖެންސްއަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ އެއްޗެއް. އޭއައިގެ މާސްޓާ ޕްލޭނެއް ހެދި އަޅުގަނޑުމެންގެ ގައުމު ތަރައްގީ ކުރުމުގައި އޭއައި މުހިންމު ދައުރެއް އަދާކުރާނެ. އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދެވޭނެ،“ ރައީސް ވިދާޅުވި އެވެ.