ޖެނުއަރީ 22, 2025

މާލެ-ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ މަޝްރޫއުގެ 65 ޕަސެންޓް ނިމިއްޖެ

މާލޭ ސަރަހައްދުގައި ފޯރުކޮށްދޭ ފެނުގެ ހިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ކުރިއަށް ގެންދާ މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ މަޝްރޫއުގެ 65 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފި އެވެ.

މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ މަޝްރޫއު ފެށީ 2016 ވަނަ އަހަރު އެވެ. ނަމަވެސް މަޝްރޫއުގެ ބައެއް މުހިންމު މަސައްކަތްތައް ތަފާތު އެކި ސަބަބުތަކާ ހުރެ ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތުމަށްފަހު، މިދިޔަ އަހަރު އެ މަސައްކަތްތައް ވަނީ އަލުން ފަށައިފަ އެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، މިދިޔަ އަހަރުގެ ތެރޭގައި މާލެއާއި ހުޅުމާލެއާ ދެމެދު އަޅާފައިވާ 20 އިންޗި ޑައިމީޓަރު، 5 ކިލޯމީޓަރު ދިގު މައި ހޮޅި ސާފުކޮށް ޑިސްއިންފެކްޓްކޮށް، ޕްރެޝަރު ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި މާލެއާއި ހުޅުމާލޭގައި ގާއިމުކުރާ ޓްރާންސްފާ ޕަމްޕް ސްޓޭޝަންތަކުގެ ފައުންޑޭޝަން މަސައްކަތްތައް ނިންމައި އިމާރާތުގެ އޮނިގަނޑުގެ މަސައްކަތްތައް ފަށާފައިވާ ކަމަށްވެސް ބުންޏެވެ.

އެގޮތުން މާލޭގެ ޕަމްޕް ސްޓޭޝަންގެ މުޅި މަސައްކަތުގެ 25 ޕަސެންޓް އަދި ހުޅުމާލޭގެ ޕަމްޕް ސްޓޭޝަންގެ 60 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިންމައިފަ އެވެ. އެ ސްޓޭޝަންތަކުގެ މަސައްކަތް ނިންމަން އަމާޒުކޮށްފައިވަނީ އަންނަ މާޗު މަހުގެ ނިޔަލަށެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، އިމާރާތްތަކުގެ މަސައްކަތްތައް ނިމުމުން ޕަމްޕުތައް ބަހައްޓައި ނިމުމަށްފަހު 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ނިޒާމުގެ ބޭނުންކުރަން ފެށުމަށް ނިންމާފައިވާ ކަމަށެވެ.

ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ މަޝްރޫއު ނިމުމުން، މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް، ގަޑިއަކު 800 ޓަނުގެ ފެން ޕަންޕުކުރުމުގެ ގާބިލުކަން ލިބިގެންދާނެއެވެ. އޭގެ ސަބަބުން، މާލެ ސަރަހައްދުގެ ފެނުގެ ހިދުމަތުގެ ކަށަވަރުކަން އިތުރުވެގެންދާނެ އެވެ.