ރ. ފައިނު އެއާޕޯޓުގެ މަސައްކަތް އަންނަ މަހު އެމްޓީސީސީއާ ހަވާލު ކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފައިނަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ ފައިނުގައި އެއާޕޯޓު އެޅުމަށް އަންނަ ފެބްރުއަރީ މަހު އެމްޓީސީސީއާ އެކު ސޮއިކޮށް، ވަރަށް އަވަހަށް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
”އާދެ އަޅުގަނޑު ތިބޭފުޅުންނަށް މިއަދު ދަންނަވާލަން ބޭނުންވަނީ އެ މަސައްކަތް ކުރުމަށް އަޅުގަނޑުމެން އެމްޓީސީސީއާ އެކީގައި މި އަންނަ މަހު، ފެބްރުއަރީ މަހުގެ ތެރޭގައި އެގްރީމަންޓް ކުރުމަށް މިހާރު ނިންމާފައިވާ ވާހަކަ. އިރާދަކުރެއްވިއްޔާ އެއަށްފަހު އަމަލީ މަސައްކަތް ވަރަށް އަވަހަށް މި ރަށުގައި އެއާޕޯޓު އެޅުމަށް ފަށާނެ ކަމުގެ ޔަގީންކަން ތިބޭފުޅުންނަށް އަރުވަން،“ ރައީސް ވިދާޅުވި އެވެ.
”ވަރަށް އުއްމީދީ ގޮތެއްގައި މި އެއާޕޯޓު ނިމިގެންދާނީ. އަޅުގަނޑު ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވައުދުވެފައި ވެސް އޮންނާނެ މި ސަރަހައްދުގައި ގިނަ ރިސޯޓުތައް ހުޅުވިގެންދާނެ ކަމަށް،“
ރައީސް ވިދާޅުވީ އެއާޕޯޓު އަޅަން ނިންމާފައިވާ ސަރަހައްދުގައި ކުރީ ސަރުކާރުން ފެނާއި ނަރުދަމާ މަޝްރޫއުގެ ބައެއް ތަންތަން ހަދާފައިވާ ކަމަށާއި މި މަސައްކަތް ކުރިޔަށް ގެންދާއިރު ފެނާއި ނަރުދަމާ ނިޒާމުގެ ބައެއް ކަންތައްތައް ކޮށްފައިވާ ސަރަހައްދު އެއާޕޯޓުގެ ސަރަހައްދާ ދިމާވާތީ ބަދަލުތަކެއް ގެންނަން އެބަޖެހޭ ކަމަށެވެ. މި މަސައްކަތް ކުރިޔަށް ގެންދާއިރު ފެނާއި ނަރުދަމާގެ ހިދުމަތަށް އެއްވެސް މެދުކެނޑުމެއް ނާންނަ ގޮތަށް ކުޑަ ހަރަދެއްގައި އެ މަސައްކަތް ނިންމާލާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
”މިދިޔަ ސަރުކާރުން މި އެއާޕޯޓް އެޅުމަށް ހުރަސް އެޅުމަށްޓަކައި އެއާޕޯޓާއި ސީދާ ދިމާވާ ސަރަހައްދުގައި ފެނާއި ނަރުދަމާ މަޝްރޫއުގެ ބައެއް ތަންތަން ހުރީ ހަދާފައި.“ ރައީސް ވިދާޅުވި އެވެ.
މި އެއާޕޯޓަކީ ފައިނުގެ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެއާޕޯޓަކީ އެ ދާއިރާ އަދި މުޅި އަތޮޅުގެ އިގްތިސާދު ކުރިއެރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ އެއާޕޯޓެއް ކަމަށެވެ.
އަދި އެއާޕޯޓު ގާއިމުވެގެން ދިޔުމާއެކު ވަރަށް ގިނަ ވަޒީފާތައް އުފެދި އެ ސަރަހައްދަށް ގިނަ ރިސޯޓުތައް އައިސް ފަތުރުވެރިކަން ފުޅާވެގެންދާނެކަން ރައީސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.




ގުޅުންހުރި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
ކޮންމެ މީހަކު ވެސް އިސްލާހު ގެންނަން ފަށަންވީ އަމިއްލަ ނަފުސާ ހަމައިން:
ދެ އިންތިހާބު އެއްކޮށްލުމަށް ހިޔާލު ހޯދުމުގެ ވޯޓު، ކައުންސިލު އިންތިހާބާއެކު ބާއްވަން
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު