ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެންޓި-ކޮރަޕްޝަން ކޮމިޝަން(އޭސީސީ)ގެ މެންބަރުކަމަށް، ދެ ބޭފުޅުން މިއަދު އައްޔަން ކުރައްވައިފި އެވެ.
އެ ކޮމިޝަނުން ހުސްވެފައިވާ މެމްބަރުކަމުގެ ދެ މަގާމަށް އައްޔަން ކުރެއްވީ މއ. ގޯލްޑެންމޫން އަހުމަދު ނާޝިދާއި ރ. އަލިފުށީ، ފަސާނާ އަބްދުﷲ ނާޝިދެވެ. އެ ދެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލިހުން ރުހުން ދިނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގަ އެވެ.
އެހެންވެ، ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު ވަނީ އެ ދެ ބޭފުޅުން އޭސީސީގެ މެންބަރުކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ހަވާލުކޮށްދެއްވައިފަ އެވެ.
އޭސީސީގެ މެންބަރުކަމަށް މި ދެ ބޭފުޅުން އައްޔަން ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ކުރިފުޅުމަތީގައި އެބޭފުޅުން ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ކުރައްވާފަ އެވެ.
އެ ރަސްމިއްޔާތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ މި ދެ ބޭފުޅުންނާ ވަނީ ހަވާލުކޮށްދެއްވާފަ އެވެ.









