ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ތ. ތިމަރަފުއްޓަށް ބޯކޮށް ވާރޭވެހި ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެފައިވާތީ އެހީތެރިވާން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މުވައްޒަފުން ނުކުމެއްޖެ އެވެ.
އާރުޑީސީން ބުނީ، އެ ކުންފުނީގެ މުވައްޒަފުން ނުކުމެ އެ ރަށު ކައުންސިލާއި ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
އެގޮތުން އާރުޑީސީގެ ވެހިކަލްތައް ނެރެ، ކޯރު ކެނޑުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ތިމަރަފުށީގައި ފެންބޮޑުވެ ގެއްލުންތަކެއް ލިބެމުންދާއިރު، މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓިރޮއޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ވަނީ މިރޭ 12:00 އާ ހަމައަށް ތ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ވައިޓް އެލާޓް ނެރެފަ އެވެ.
އެ އެލާޓުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.



