އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުންދިޔަ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރުގެ މައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ފަހުން ބަންދުން ދޫކޮށްލި ހަލީމަތު ލަމްހާ، ކޯޓަށް ދާން ގެއިން ނުކުންނައިރު ފުލުހުންގެ ހުއްދަ ހޯދަން ޝަރުތުކޮށްފި އެވެ.
ލަމްހާ ތިން މަސްދުވަހަށް ބަންދުން ދޫކޮށްލީ 12 ނޮވެމްބަރު 2024ގަ އެވެ. އޭރު ބަންދުން ދޫކޮށްލީ ވެސް ލަމްހާ ބަންދުގައި އިންދައި ގައިދީންތަކަކަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލާ ކަން ދައުލަތުން ފާހަގަކުރީތީ، އޭގެ ލިޔެކިޔުން ހުށަހަޅައިގެން ބަންދު މުރާޖައާ ކުރުމަށް ހުށަހެޅުމަށް ފުރުސަތު ދީފަ އެވެ. ލަމްހާގެ މައްޗަށް ކުރާ އާ ތުހުމަތުތަކުގެ ލިޔެކިޔުންތައް ދައުލަތުން ހުށަހެޅުމުން ބަންދު މުރާޖާގެ އަޑުއެހުމެއް ކޯޓުން މިއަދު ބޭއްވި އެވެ.
ދައުލަތުން މިއަދުގެ އަޑުއެހުމުގައި ވިދާޅުވީ ޖަލުގައި ހުރިއިރު ގައިދީއަކަށް ލަމްހާ ބިރު ދެއްކި މައްސަލައެއްގެ ތުހުމަތު ވެސް އޭނާގެ މައްޗަށް މިހާރު އެބަ އޮތް ކަމަށާއި އެހެންކަމުން، އޭނާއަކީ ޖަލު ބަންދުގައި ހުންނަން ޖެހޭނެ މީހެއް ކަމަށް ދައުލަތުން ގަބޫލުކުރާ ކަމަށެވެ. ކުރިމިނަލް ކޯޓުން ލަމްހާ ގޭބަންދަށް ބަދަލުކުރި އަމުރުގައި ގެއިން ބޭރަށް ދާނަމަ، ފުލުހުންނަށް އަންގަން ޖެހޭނެ ކަމަށް ބުނާ ޝަރުތާ އޭނާ ހިލާފުވެފައިވާ ކަމަށާއި އެގޮތުން މި ހަފުތާގެ ހޯމަ ދުވަހު ހައި ކޯޓުގައި އޮތް އަޑުއެހުމަށް އަދި މިއަދު ކްރިމިނަލް ކޯޓަށް ވެސް ލަމްހާ ދިޔައީ ފުލުހުންނަށް ނާންގައި ކަމަށް ދައުލަތުން ވިދާޅުވި އެވެ.
ލަމްހާގެ ވަކީލު އަހުމަދު ޔާމީން ވިދާޅުުވީ ލަމްހާ ވަނީ ގެއިން ބޭރަށް ދިޔުމުގެ ކުރިން ފުލުހުންގެ ހުއްދައަށް އެދިފައި ކަމަށެވެ. ނަމަވެސް، ކޯޓަށް ދިއުމަށް ފުލުހުންނަށް އަންގާފައި ނުވަނީ ކޯޓަށް ހާޒިރުވުމަކީ ލަމްހާގެ މައްޗަށް އޮތް އަމުރަކަށް ވާތީ ލަމްހާ އިސްވެ ފުލުހުންނަށް އަންގަން ޖެހޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ޔާމީން ވިދާޅުވި އެވެ. ލަމްހާ ކޯޓަށް ހާޒިރުވާން ޖެހޭނަމަ، އެކަން ބަލައި އެ އިންތިޒާމް ހަމަޖެއްސުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ޔާމީން ވިދާޅުވި އެވެ.
މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވީ ކޯޓަށް ހާޒިރުވާން އެންގުމުން ކޯޓަށް ހާޒިރުވުމަކީ ވެސް ލަމްހާ ބަންދުން ދޫކޮށްލި އިރު ކޮށްފައިވާ ޝަރުތަކަށް ވާތީވެ ކޯޓަށް ދާން ނުކުންނަ އިރު ފުލުހުންނަށް އަންގަން ޖެހުމަކީ ޝަރުތެއް ކަމަށް ބެލެވެން ނެތް ކަމަށެވެ.
ނަމަވެސް ދައުލަތުން ޝަރުތުތައް އިސްލާހުކުރަން ބޭނުންވާ ނަމަ އެ ކަންކަން ހުށަހެޅުމަށް ގާޒީ ވިދާޅުވި އެވެ. އެ ފުރުސަތުގައި ދައުލަތުން އެދުނީ ވެސް ކޯޓަށް ނުކުންނަ ހާލަތުގައި ވެސް ފުލުހުންނަށް އެންގުމަށް ޝަރުތުތަކުގެ ތެރޭގައި ހިމެނުމަށެވެ. އެ ގޮތުން:
– ލަމްހާ 24 ގަޑިއިރު މޮނިޓާ ކުރުމުގެ ގާބިލްކަން ފުލުހަކު ނެތް
– ފުލުހުންނަށް އަޑުއެހުންތައް އޮންނަ ކޮންމެ ދުވަހެއް ނޭނގޭނެ
– ފުލުހުންނަށް ލަމްހާ މޮނިޓާކުރަން ފަސޭހަވާނީ ކޯޓަށް ހާޒިރުވާއިރު ވެސް ފުލުހުންނަށް އެކަން އަންގާފައި ފުލުހުންނާ އެކީ އައުމުން
ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓުން ވެސް ދަނީ ބަލަމުންނެވެ. ލަމްހާ ދޫކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފަށް ދައުލަތުން ހުށަހެޅި މައްސަލާގައި ދެން އޮތީ ކޯޓުން ވަކި ގޮތެއް ކަނޑައެޅުމެވެ.

1 Comment
ގުޅުންހުރި
މަންދީގެ އިތުރުން އެމްޑީޕީ އާއި ފައްޔާޒުގެ މައްޗަށްވެސް ފަސްޓް ލޭޑީގެ ފަރާތުން
ވެކޭޝަންސް އެކްސްޕޯ މާދަމާ ފަށަނީ، ޒިޔާރަތްކޮށްގެން އުމުރާ ދަތުރެއް ލިބުމުގެ ފުރުސަތު!
ކުރުސީ އެކައުންޓް ހިންގަނީ ކާކުކަން ވަރަށް ސާފުކޮށް އެނގޭ: ރަޝިޔާ
މަޖިލިސް މި ހިންގަނީ ވަރަށް ރަނގަޅަށް، ރައްޔިތުން ބޭނުންވާ ގޮތަށް: ފަލާހު
ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީ ބަންދުކުރަނީ
މައުމޫން އަތުން 1.1 މިލިއަން ހޯދަން އެމްޓީސީސީން ހުށަހެޅި މައްސަލަ އަނބުރާ