މާރޗް 4, 2025

ފަޒުލްގެ ގެއިން ފެނުނު 1.4 މިލިއަން ރުފިޔާ އަނބުރާ ހަވާލުކޮށްފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ގެއިން 1.4 މިލިއަން ރުފިޔާ، އަނބުރާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ބިންވެރިޔާ ސްކީމުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދޫކޮށްފައިވާ މައްސަލަތަކާ ގުޅިގެން ފުލުހުން ކުރަމުން އަންނަ ތަހުގީގުގެ ތެރެއިން ފަޒުލް ދިރިއުޅޭ މ. ޒޭވަރު ފުލުހުން ބަލައިފާސްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 23 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން އޭރު ބުނި ގޮތުގައި ފަޒުލްގެ ގެ ފާސްކޮށް، ތަހުގީގުގެ ބޭނުމަށް ބައެއް އިލެކްޓްރޯނިކް ސާމާނު ހިމެނޭ ގޮތުން ބައެއް ތަކެތި އެ އިދާރާގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

ނަމަވެސް ”ހަފްތާ“ އަށް މައުލޫމާތު ދިން މަސްދަރަކުން ވަނީ ފަޒުލްގެ ގެއިން ނަގުދު ފައިސާ އިން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފުލުހުން ގެންދިޔަކަން ކަށަވަރު ކޮށްދީފަ އެވެ. ނަމަވެސް އެ ފައިސާގެ މައްސަލައިގައި ފުލުހުން މީޑިއާއަކާ މައުލޫމާތެއް ހިއްސާއެއް ނުކުރެ އެވެ.

ފުލުހުން މިއަދު ބުނީ ގޯތި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތުގެ އެޕާޓްމެންޓް ބަލާފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ފައިސާއާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ ފައިސާ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.

ފަޒުލްގެ ގެއިން 1.4 މިލިއަން ރުފިޔާ ފުލުހުންނަށް ފެނުނު ކަމަށް ނޫސްތަކުގައި ރިޕޯޓްކުރުމާ ގުޅިގެން އެ ފައިސާއަކީ ކުންފުންޏަކުން ދީފައިވާ ފައިސާ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ސޯޝަލް މީޑިއާގައި ފަޒުލް ވަނީ މިމަހުގެ ހަވަނަ ދުވަހު ޕޯސްޓެއް ކުރައްވައިފި އެވެ.

އެގޮތުން ފަޒުލް ވަނީ ރިލެކްސް ފެރީން ފޭސްބުކުގައިކުރި ޕޯސްޓު ޝެއާކޮށްފަ އެވެ.

ރިލެކްސް ފެރީ ސާވިސްއިން ބުނީ 2022 ވަނަ އަހަރު ފަޒުލްގެ ކުންފުންޏާއެކު މުއާމަލާތްކޮށް ލޯންޗެއް ބަނދެފައިވާ ކަމަށާއި، އެ ލޯންޗުގެ ފެންވަރު ރަނގަޅުކަމުން ދެވަނަ ފަހަރަށް އިތުރު ލޯންޗެއް ބަނުމަށްޓަކައި 2024 ވަނަ އަހަރުގެ ކުރީކޮޅު މަޝްވަރާކޮށް، މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު 1.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ދީފައިވާނެ ކަމަށެވެ.