ފެބްރުއަރީ 22, 2025

އާ އަހަރު ޗުއްޓީގައި ލިބުނު 74،000 ޑޮލަރުގެ ފައިދާ ދިނީ ސްޓާފުންނަށް!

ޗައިނާގެ ހުޅަނގުދެކުނުގައި ހުންނަ ހޮޓްޕޮޓް ރެސްޓޯރެންޓަކަށް ޗައިނާގެ އާ އަހަރު ޗުއްޓީގައި ލިބުނު ފައިދާ އެ ރެސްޓޯރެންޓުގެ ސްޓާފުންނަށް ދީފި އެވެ.

އެ ރެސްޓޯރެންޓްގެ ވެރިޔާ ހުއާން ހޫމިންގް ބުނީ، އެއީ އެ ކުންފުނީގެ ސަގާފަތެއް ކަމަށާއި އެއީ ޕަބްލިސިޓީ ސްޓަންޓެއް ނޫން ކަމަށެވެ. އެގޮތުން އެ ރެސްޓޯރެންޓް ޗެއިންގެ އަށް ބްރާންޗް ހުންނައިރު، އާ އަހަރުގެ ޗުއްޓީގެ ތިން ދުވަހު ޖުމުލަ އެއް މިލިއަން ޔުއާން (140،000 ޑޮލަރު) ލިބުނު ކަމަށް ބުންޏެވެ.

އެ ކުންފުނީގައި 200 މުވައްޒަފުން މަސައްކަތް ކުރާއިރު، އާ އަހަރު ޗުއްޓީއަށް ބައެއް މުވައްޒަފުން ދިޔައީ ޗުއްޓީއަށެވެ. އެހެންވެ ލިބުނު ފައިދާ ބެހީ މުސާރައާއި ކާބޯތަކެއްޗަށް ކެނޑުމަށްފަހު، ޗުއްޓީއަށް ނުގޮސް ތިބި 140 މުވައްޒަފުންގެ މެދުގައެވެ.

ހުއާންގް ބުނި ގޮތުގައި ފައިދާ ބެހީ ކޮންމެ ބްރާންޗެއްގައިވެސް މުވައްޒަފަކަށް ލިބޭ އާމްދަނީއަށެވެ. އެގޮތުން އެންމެ ބޮޑު މުސާރަ ލިބޭ މެނޭޖަރަކަށް 2،500 ޑޮލަރު ލިބުނު ކަމަށް އޭނާ ބުންޏެވެ.

”ބައެއް މެނޭޖަރުންނަށް 7،000 ޔުއާން ލިބުނު. އެންމެ މަދުން މުސާރަ ލިބޭ މުވައްޒަފުންނަށްވެސް 80 ޑޮލަރާއި 100 ޑޮލަރާ ދެމެދުގެ އަދަދެއް ލިބުނު… އަހަރެން ބޭނުންވަނީ އެންމެވެސް އެކުގައި މުއްސަނދިވާން،“ ހުއާންގް ބުންޏެވެ.