އަންހެނުންގެ ކޮމިޓީތަކަށް ރޯދަ އެލަވަންސް ދިނުމަށް އިސްލާހު ހުށަހަޅައިފި

އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކަށް ރޯދަމަހުގެ އިނާޔަތް ދޭން ސަރުކާރުގެ ފަރާތުން ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ އެ ގާނޫނުގެ ދަށުން ރަށްތަކާއި ސިޓީތަކުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ދައުރު އިތުރަށް ސާފުކޮށް، އެ ކޮމިޓީތައް ބާރުވެރިކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ. އެގޮތުން އަންހެނުންގެ ކޮމިޓީތަކުގެ މަސްއޫލިއްޔަތު އިތުރަށް ތަފްސީލުކޮށް މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ތަމްރީނުފަދަ ކަންކަން ކައުންސިލްތަކާއި، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ، އެލްޖީއޭއިން ހަމަޖައްސައިދިނުމުގެ އުސޫލުތަކާއި، މާލީގޮތުން ދިމާވާ ދަތިތައް ހައްލުކޮށް، ކައުންސިލްތަކުން ދޭ ފައިސާ ދޭނެ ގޮތާއި އެ ފައިސާ ހަރަދުކުރާނެ ގޮތުގެ އުސޫލުތައް ވަނީ އިސްލާހުގައި ބަޔާންކޮށްފަ އެވެ.

އެ އިސްލާހުގައި ވަނީ ޑަބްލިއުޑީސީތަކުގެ މެންބަރުން ވެސް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ލަފާގެ މަތިން ނެޝަނަލް ޕޭ ކޮމިޝަންގައި ހިމަނައިގެން މުސާރަ ދިނުމަށް ހިމަނައިފަ އެވެ. އޭގެ ދަށުން ރޯދަމަހު ދޭ އެލަވަންސް ވެސް ޑަބްލިއުޑީސީ އަށް ލިބެން ވާނެ ކަމަށް ވެ އެވެ.

ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި ގާނޫނުން ކަނޑައަޅާފައި އޮންނަނީ ކޮންމެ މުވައްޒަފަކަށް 3،000ރ. އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް، މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ޒަމީރެވެ.

ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި ގާނޫނުން ކަނޑައަޅާފައި އޮންނަނީ ކޮންމެ މުވައްޒަފަކަށް 3،000ރ. އެވެ.

މުސާރަ އާއި ލިވިން އެލަވަންސްގެ ގޮތުގައި ސިޓީ ކައުންސިލްތަކުގެ ޑަބްލިއުޑީސީގެ ރައީސަށް 7،000ރ. އަދި ނައިބު ރައީސަށް 6،500ރ. މިހާރު ލިބެ އެވެ. މެމްބަރަކަށް ކަނޑައަޅާފައި ވަނީ 6،000ރ. އެވެ.

ކުރިއަށް އޮތް ރޯދަމަހުން ފެށިގެން ޑަބްލިއުޑީސީ މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވިދާޅުވެފަ އެވެ.