ބޭހުގެ މައްސަލައަށް އަވަސް ހައްލެއް ހޯދަން އެސްޓީއޯ އިން ހާއްސަ ކޮމިޓީއެއް އުފައްދައިފި

ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމުގައި ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށް ކަމާ ގުޅުންހުރި މުއައްސަސާތައް ހިމެނޭ ކޮމިޓީއެއް އުފައްދަން ނިންމައިފި އެވެ.

އެސްޓީއޯ އިން މިއަދު ބުނީ، އެ ކުންފުންޏާއި މޯލްޑިވްސް ޑޮކްޓާސް ޔޫނިއަން އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ގުޅިގެން މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

އެ މަޝްވަރާ ބައްދަލުވުން ބޭއްވުމުގެ މައިގަނޑު ބޭނުމަކީ އާންމު ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާގެ ބާވަތްތައް ހޯދުމުގައި ދިމާވާ އުނދަގޫތަކާމެދު ހުރިހާ ފަރާތްތަކުން ފާހަގަކުރާ މައްސަލަތައް ހިއްސާކޮށް، އެކަންކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދައި، ފަސޭހަކަމާއެކު ބޭސް ލިބޭނެ ނިޒާމެއް ގާއިމުކުރުން ކަމަށްވެސް ބުންޏެވެ.

އެގޮތުން އެ ބައްދަލުވުމުގައި އެސްޓީއޯ، އާސަންދަ، އެމްއެފްޑީއޭ، ޑޮކްޓާސް ޔޫނިއަން އަދި މެޑިކަލް އެސޯސިއޭޝަން ހިމެނޭ ގޮތަށް ޖޮއިންޓް ކޮމިޓީއެއް އުފައްދަން ވަނީ ނިންމައިފަ އެވެ.

އެސްޓީއޯ އިން ބުނީ، އެ ކޮމިޓީގެ ސަބަބުން ކަމާގުޅުންހުރި ހުރިހާ ފަރާތްތަކަށްވެސް ދިމާވާ ދަތިތަކާމެދު މަޝްވަރާކޮށް، އެކަށީގެންވާ ރަނގަޅު މައުލޫމާތުގެ އަލީގައި އަވަސް ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އޭގެ އިތުރުން އެސްޓީއޯ އިން އެތެރެކުރާ އަދި އެސްޓީއޯ ފާމަސީތަކުގެ ސްޓޮކްގައި ހުރި ބޭސްތަކުގެ މައުލޫމާތު ވަގުތުން ބެލޭނެ ގޮތަށް، ޑޮކްޓަރުންނަށް ހާއްސަކޮށްގެން އޮންލައިން ޕްލެޓްފޯމްއެއް ގާއިމުކުރުމަށްވެސް ނިންމާފައިވާ ކަމަށް ބުންޏެވެ.