މެޒޯ މުހައްމަދު މަރުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މުހައްމަދު) މަރުވެއްޖެ އެވެ.

ހަފްތާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މެޒޯ މުހައްމަދު މަރުވީ ހާޓް އެޓޭކެއް ޖެހިގެން އައިޖީއެމްއެޗުގެ އެމަޖެންސީގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާގެ ހަށިގަނޑު މިވަގުތުވެސް އޮތީ އެ ހޮސްޕިޓަލުގަ އެވެ. އޭނާ މަރުވިިއިރު، އޭނާގެ އުމުރަކީ 60 އަހަރެވެ.

މެޒޯ މުހައްމަދު މަޝްހޫރުކަން ހޯދީ ”އަންހެން އަޑުން“ ލަވަކިޔާ ފަންނުވެރިއެއްގެ ގޮތުގަ އެވެ. ”ފޯސެޓް މުހައްމަދެއް“ ލަވައިގެ ދުނިޔެ އަށް ތައާރަފްކޮށްދިނީ އޭނާގެ ބޭބެ އަދި ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކުޑަދޮން އަބްދުއްސައްތާރު ހިންގެވި މަޝްހޫރު މިއުޒިކް ގްރޫޕެއް ކަމުގައިވީ ކްލަބް ކޯބްރާޒް އިންނެވެ.

އޭގެ ފަހުން ކްރީމް އޮފް އެސިޑް އަދި އޭރުގެ މަޝްހޫރު ކްއިކް ސޭންޑާއި ޓްވެންޓިއަތު ސެންޗުރީ ބީސީ އަށް ވެސް މުހައްމަދު މިއުޒިކް ކުޅުނެވެ. ނަމަވެސް މުހައްމަދު ދިވެހި މިއުޒިކީ ޖައްވުގައި ފިޔަޖަހަން ފެށީ އޭނާގެ އަމިއްލަ މިއުޒިކް ބޭންޑު، މެޒޯ އުފެއްދުމަށްފަހު އެވެ.

މެޒޯ މުހައްމަދުގެ ”ކަމަނަ ގޯތީ އާދަނުތާއޭ“ އާއި ”ޖިސްމު ނެތިގެން ގޮސް ހަފުސް“ އަދި އުޑުންތަރިތައް“ ފަދަ ލަވަތަކަކީ ދިވެހިންގެ ތެރޭގައި އަދިވެސް މަޝްހޫރު ލަވަތަކެވެ.  އޭނާގެ ދިގު މިއުޒިކީ ހަޔާތުގައި ނެރެނު އަލްބަމްތަކުގެ ތެރޭގައި ”ގުގުރި“ އަލްބަމް އާއި ”މާލި“ އަލްބަމް ފަދަ އަމިއްލަ ރާގުގެ އަލްބަމްތައް ފާހަގަކޮށްލެވެ އެވެ.

މެޒޯ މުހައްމަދު މިއުޒިކުގެ ދާއިރާގައި ކުރި ހިދުމަތުގެ އަގު ވަޒަންކޮށް 2010، ގައި މިއުޒިކުގެ ދާއިރާއިން އޭނާއަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ސަރުކާރުން ދިނެވެ.