ފެބްރުއަރީ 23, 2025

ގިނަގިނައިން ހެޔޮ އަމަލުކުރުމަކީ ގަސްދަކާނުލައި ކުރެވޭ ފާފަތަކުން ސަލާމަތް ކުރައްވާނެ ކަމެކެވެ.

ގިނަގިނައިން ހެޔޮ އަމަލު ކުރުމަކީ، ގަސްދަކާނުލައި ކުރެވޭ ފާފަތަކުން މާތް الله އަހުރެމެން ސަލާމަތްކުރައްވާނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

شَعْبَان  މަހުގައި ހެޔޮ އަމަލުކުރުން“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، މިހާރު ވޭތުކުރަމުން މިދާ ޝައުބާން މަހަކީ ރަމަޟާން މަހަށް މަރުހަބާ ކިޔާން ތައްޔާރުވަމުން އަންނަ މައްސަރަކަށްވާތީ މިއީ އެތައް ގޮތަކުން ހާއްސަ މަހެއް ކަމަށެވެ. އެގޮތުން ޝައުބާންމަހު، އަޅުކަމުގައި ހީވާގިވުމަކީ ރަމަޟާންމަހު އަޅުކަމުގައި މަޝްޣޫލުވުމަށް ލިބޭ ތަމްރީނެއް ކަމަށް ބުންޏެވެ.

أُمُّ الْمُؤْمِنِيْنَ عَائِشَة رَضِيَ اللهُ عَنْهَاގެ އަރިހުން ރިވާވެގެންވާ ހަދީޡެއްގެ މާނައިގައި ވެއެވެ. އެ ކަމަނާ ވިދާޅުވި އެވެ. ”މާތް ނަބިއްޔާ، ޝަޢުބާން މަހަށް ވުރެ ގިނައިން (ސުންނަތް) ރޯދަ ހިއްޕަވާ މައްސަރެއް ނުވެ އެވެ. އެ މަހުގައި (ރޯދަފުޅު ހިއްޕަވާލެއް ގިނަކަމުން) މުޅި މައްސަރުގައި ރޯދަފުޅު ހިއްޕަވާ ފަދައެވެ.

ހުތުބާގައި ބުނީ، މާތް ނަބިއްޔާގެ އިރުޝާދުފުޅުތަކަށް ބަލާއިރު، މާތް اللهގެ ހަޒުރަތުގައި، ހެޔޮ އަމަލުތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑީ، ދެމިހުންނަނިވި ގޮތުގައި ކުރެވޭ ހެޔޮ އަމަލު ކަމަށެވެ. އަދި ގިނަގިނައިން ހެޔޮ އަމަލު ކުރުމަކީ، ގަސްދަކާނުލައި ކުރެވޭ ފާފަތަކުން މާތް الله އަހުރެމެން ސަލާމަތްކުރައްވާނެ ކަމެއް ކަމަށާއި މި ފަދަ ބަރަކާތްތެރި މޫސުމެއްގައި، މާތް ނަބިއްޔާ، އަހުރެމެންނަށް ނަމޫނާ ދައްކަވައިފައިވާ ގޮތަށް، ހެޔޮ އަމަލުކުރުންމަތީ، ސާބިތުވެ ތިބުމަކީ މުހިންމު ކަމެއް ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ވަނީ ވޭތުވެދިޔަ އަހަރުގެ ފަރުޟު ރޯދައެއް ގަޟާކުރަން ޖެހިފައިވާ ނަމަ، އެ ރޯދަ އަވަހަށް ގަޟާކުރުމަށާއި ހީވާގިކަމާ އެކު، ރަމަޟާން މަހަށް އިސްތިގުބާލުކުރާން ތައްޔާރުވުމަށް ގޮވާލައިފަ އެވެ. އަދި ރަމަޟާން މަހުގެ އަޅުކަމަށް، ވަގުތު ދެވޭ ގޮތަށް ވަގުތުތައް ރޭވުމަށާއި ފިތުރު ޒަކާތް ދެއްކުމަށް ނިޔަތް ގަނެ، ރަމަޟާން މަސް ނިމުމުގެ ކުރީން އެ ޒަކާތް ދެއްކުމަށާއި ދީލަތިކަން އިތުރުކޮށް، އޯގާތެރި މަޑުމައިތިރި މީހަކަށް ވުމަށްވެސް ނަސޭހަތްތެރިވި އެވެ.

ހުތުބާގައި އިތުރަށް ވަނީ ޒުވާބުކުރުމާއި ހަޑިހުތުރު ބަސްތަކާ ދުރުހެލިވުމަށާއި ކެތްތެރިކަން އިތުރުކުރުމަށާއި ދޮގުހެދުމާއި ފުރައްސާރަކުރުމާއި ފުރިހަމަ ގޮތުގައި ރޯދަހިފުމަށް ތައްޔާރުވުމުގައި ތިބާގެ ގުނަވަންތަކުން އަދާކުރާންޖެހޭ ދައުރެއް ވާކަން ދަނެ، އެ ގުނަވަންތައް، ކުށްތަކާ ދުރުހެލިކުރުމަށްވެސް ނަސޭހަތްތެރިވެފަ އެވެ.