ރޯދައަށް މާލޭގެ މަގުތައް ސާފުކުރުން: އެއް ދުވަހުން 235 އުޅަނދު ޓޯކޮށްފި!

މާލޭގެ މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްލާފައި ހުރި 235 އުޅަނދެއް ފުލުހުން ޓޯކޮށްފި އެވެ.

އެ އުޅަނދުތައް ޓޯކޮށްފައިވަނީ ލޯކަލް ގަވަރުމަންޓް މިނިސްޓްރީއާއި ސަފާފަތާ ބެހޭ މިނިސްޓްރީން އިސްނަގައިގެން ’ރޯދަ ސާފު‘ ނަމުގައި މާލޭގެ މަގުތައް ސާފުކުރުމަށް މިއަދު ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިންނެވެ.

ފުލުހުން ބުނީ، މިއަދު ޓޯކުރި އުޅަނދުތަކުގެ ތެރޭގައި 201 ސައިކަލާއި ހަތަރު ފުރޮޅުލީ 31 އުޅަނދާއި ތިން ބައިސްކަލު ހިމެނޭ ކަމަށެވެ.

ގްރޭޓާ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ގިނަވެ، މަގުތަކަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ”ޑީކޮންޖެޝަން ޕްރޮގްރާމް“ގެ ނަމުގައި ޓްރާންސްޕޯޓް މިނިސްޓްރީންވެސް ވަނީ ހާއްސަ ޕްރޮގްރާމެއް ފަށައިފަ އެވެ.

އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 446 އުޅަނދު ނައްތާލާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.