ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ، މިހާރުގެ މަޖިލިސް މެންބަރުންގެ މައްޗަށް ތަންފީޒު ނުކުރެވޭނެ އިސްލާހެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދިއްޖެ އެވެ.
މަޖިލިސް މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުތައް ބާތިލްކުރަން ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިނެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި އަލީ ހުސައިންގެ ވަކީލު މަހުފޫޒު މަހްފޫޒް ސައީދު ވިދާޅުވީ
މަޖިލީހުން ގާނޫނު އަސާސީގެ 73 ވަނަ މާއްދާއަށް ގެނެސްފައިވާ އެ އިސްލާހަކީ ގާނޫނުއަސާސީގެ 4، 90، އަދި 75 ވަނަ މާއްދާއާ ފުށުއަރާ އިސްލާހެއް ކަަމަށެވެ. އެހެންކަމުން އެ އިސްލާހު ބާތިލުކޮށްދިނުމަށް އެދޭ ކަމަށެވެ. މަހުފޫޒް ވިދާޅުވީ އެ އިސްލާހު ދެމިއޮތް މުއްދަތުގެ ތެރޭގައި މަޖިލީހުގެ މިހާރުގެ މެމްބަރުންގެ މައްޗަށް އެ އިސްލާހުގެ އެއްވެސް މާއްދާއެއް ނުހިނގާނެ ކަމަށް ވެސް ސުޕްރީމް ކޯޓުން ކަނޑައަޅައިދިނުމަށް އެދޭ ކަމަށެވެ.
ދައުލަތުގެ އެންމެހައި ބާރުތައް ފެށެނީ ވެސް އަދި ދެމިއޮންނާނީ ވެސް ރައްޔިތުންގެ ކިބައިންކަން ފާހަގަކުރައްވައި މަހުފޫޒު ވިދާޅުވީ އިސްލާހުގެ ސަބަބުން ރައްޔިތުންނަށް ލިބިދީފައިވާ ބާރު ހަނިވެފައިވާ ކަމަށެވެ.
”ގާނޫނުއަސާސީގައި އެންމެ ބޮޑު އަހަމިއްޔަތުކަމެއް ދީފައިވަނީ ރައްޔިތުންގެ އަސާސީ ހައްގުތަކަށާއި ރައްޔިތުންގެ ކިބައިން ފެށިގެން އަދި ދެމިގެންދާ އެއްޗެއްގެ ގޮތުގައި ދައުލަތުގެ އެންމެހައި ބާރުތައް އޮތުމުގެ މައްޗަށް. ރައްޔިތުން މި ބާރު ތަމްސީލުކުރާނީ އެ މީހުން އިންތިހާބުކުރާ މެންބަރުން މެދުވެރިކޮށް،“ މަހުފޫޒު ވިދާޅުވި އެވެ.
މެންބަރުން މަސައްކަތް ކުރަންޖެހޭނީ، ސިޔާސީ ޕާޓީތައް ހިމެނޭ ގޮތަށް އެހެން އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ރައްޔިތުންގެ މަސްލަހަތުގައި ކަމަށް މަހުފޫޒު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ޕާޓީތަކަށް ދިން އިރު، ދައުލަތުގެ ބާރުތައް ހިންގުމުގައި ސިޔާސީ ޕާޓީތަކުގެ ދައުރާއި ހައިސިއްޔަތު ބޭއްވުމަށް އަސާސީ ބާރު އަޅާފައިނުވާ ކަމަށް ވަކީލު ވިދާޅުވި އެވެ. ”ޕާޓީގެ ޓިކެޓާއި ޕާޓީގެ ވިޕާއި ޕާޓީ ލައިން“ މަހުފޫޒު ވިދާޅުވި އެވެ.
”ދައުލަތުގެ ބާރުތައް ހިންގުމުގައި ސިޔާސީ ޕާޓީތަކުގެ ދައުރާއި ހައިސިއްޔަތު ބޭއްވުމަށް ގާނޫނުއަސާސީ ބާރު އަޅާފައެއް ނޯވެ. ސިޔާސީ ޕާޓީ އުފެއްދުމާއި ޕާޓީއެއްގެ މެންބަރަކަށް ވުމުގެ ހައްގަކީ އަސާސީ ހައްގެއްގެ ގޮތުގައި ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮތް ނަމަވެސް ދައުލަތުގެ ބާރުތައް ހިންގުމުގައި ސިޔާސީ ޕާޓީތަކުގެ ދައުރާއި ހައިސިއްޔަތު ގާނޫނުއަސާސީގައި ބަޔާންކޮށްފައެއް ނުވޭ. ސިޔާސީ ޕާޓީގެ ޓިކެޓާއި ޕާޓީގެ ވިޕާއި ޕާޓީ ލައިން އަކީ ގާނޫނުއަސާސީ ދަންނަ ލަފުޒުތަކެއް ނޫން،“
އެ ވާހަކަތަކާ ގުޅިގެން ދައުލަތުން ވިދާޅުވީ ގާނޫނުއަސާސީގައިވާ ގޮތަށް އިޖުރާއަތެއް ފުރިހަމަކޮށް، ގާނޫނުއަސާސީ އަށް ރައްޔިތުންގެ މަޖިލީހުން ގެންނަ އިސްލާހުތަކުގެ މައްސަލަތައް ކޯޓަކަށް ނުބެލޭނެ ކަމަށެވެ. ދައުލަތުން ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކުރާ ގޮތުގައި ދުސްތޫރީ މައްސަލައަކީ ގާނޫނުއަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއް ވިޔަސް މާނަކުރާން ޖެހިއްޖެ ނަމަ އެކަމުގައި ގޮތެއް ކަނޑައެޅުމަށްޓަކައި ބެލޭ މައްސަލަތަކާއި ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނުވަތަ ގަވާއިދެއް ނުވަތަ ގަވާއިދުން ބައެއް ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމައިފައިވާ ނިންމުމެއްވިޔަސް ގާނޫނުއަސާސީއާ ހިލާފުވޭތޯ ބަލައި، އެކަމުގައި ގޮތެއް ނިންމަން ޖެހިއްޖެ ކޮންމެ މައްސަލައެކެވެ.
އެހެންކަމުން އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ވިދާޅުވި އެވެ.
މި މައްސަލައިގެ ދެން އަޑުއެހުމެއް ބާއްވާނީ މާދަމާ ހެނދުނު 9:00 ޖަހާއިރެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ހަތް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރެވެ.


2 Comments
ގުޅުންހުރި
ދިވެހި އަންހެނަކު ތިން ފިރިހެނުންނާ ”އިނދެގެން“ އުޅޭ މައްސަލައެއް!
ކިޔަވަން އިސް ނެގީ ޕީއެންސީގެ މެމްބަރުން، ކޯސް ފީ ދައްކަނީ އަމިއްލައަށް:
އިދާރާތަކުގެ ވެރިންނާއި މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރެވެން ނެތް ކަމަށް ނިންމައިފި
އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް ރަސްމީ މުސާރައަކާއި ރޯދަ އެލަވެންސް ދޭން މަޖިލީހުން
ރާއްޖޭން ބޭރުން ބޭސްފަރުވާ ހޯދުމުގައި މެންބަރުންނަށް ދަތިވާތީ ކަންބޮޑުވުން ފާޅުކޮށްފި
އިތުރު ހަތަރު ގައުމަކަށް ނޮން ރެސިޑެންޓް ސަފީރުން އައްޔަންކުރަން ރުހުން ހޯދަނީ