ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު އެ ރަށު ޒަކިއްޔާ މޫސާ މަނިކުގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ތަހުގީގުކުރަން ފަށައިފި އެވެ.
އުމުރުން 50 އަހަރުގެ ޒަކިއްޔާގެ ބޮޑެތި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގެ ކައިރިން ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރެވެ. އޭނާއަކީ ޑިޕްރެޝަނަށް ފަރުވާ ހޯދާ މީހަކަށްވާތީ އެންމެ ފުރަތަމަ އޭނާ މަރުވީ އަމިއްލައަށް ކަމަށް އަޑު ފެތުރުނުއިރު، އެ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ޓީމެއް އެ ރަށުގައި ދެ ފަހަރެއްގެ މަތިން ހަރަކާތްތެރިވެފައިވެ އެވެ. އެ ތަނުގައި ގިނަ އަދަދަކަށް ލޭ ހުރިއިރު ކައިރީގައި ވަޅިއެއް އޮތެވެ. ނަމަވެސް ފުލުހުން ބުނާ ގޮތުން ޒަކިއްޔާ މަރާލިކަމުގެ އެއްވެސް ނިޝާނެއް އަދި ހެއްކެއް ވެސް ތަހުގީގުގެ މިހާތަނަށް ފެނިފައެއް ނުވެ އެވެ.
އެ މަރަށް އިންސާފު ނުލިބި ދިގުލައިގެންދާތީ ހޮޅުދޫގެ ރައްޔިތުން ގެންދަނީ ރަށުގައި އިހުތިޖާޖު ކުރަމުންނެވެ. އެ ރަށު މީހުން ތުހުމަތުކުރާ ގޮތުގައި ޒަކިއްޔާ އަމިއްލަ މަރުވެފައިނުވެ އެވެ. އަދި ފުލުހުން ދަނީ އެ މަރުގެ މައްސަލަ ފޮރުވުމަށް މަސައްކަތް ކުރަމުންނެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައާ ގުޅިގެން އެޗްއާރްސީއެމުން ރޭ އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގާ ގުޅިގެން ގާތްތިމާގެ މީހުންގެ ހުރި ކަންބޮޑުވުންތައް އެ ކޮމިޝަނަށް ހިއްސާ ކޮށްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން އިދާރާތަކުން އަމަލުކުރަމުންދާ ގޮތް ކޮމިޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ އެ މައްސަލައާ ގުޅުންހުރި މައުލޫމާތާއި ގުޅުންހުރި ލިޔެކިޔުންތައް ފުލުހުންގެ ފަރާތުން ހޯދާފައިވާ ކަމަށާއި އެ މައުލޫމާތުތައް ދިރާސާ ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ވަނީ ޒަކިއްޔާގެ މަރުގެ މައްސަލައަށް އެމެރިކާގެ އެފްބީއައި ވެސް ބައިވެރިކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި އެފްބީއައިގެ އެހީތެރިކަން ހޯދަނީ، ރަށު މީހުންގެ ޝަކުވާ ބޮޑުވެފައި ވާތީ ފުލުހުންގެ ތަހުގީގު ހިނގި ގޮތުގެ ރިވިއުއެއް ހެދުމަށެވެ. މިނިވަން ތަހުގީގީ އިދާރާއެއް ތަހުގީގުގައި ބައިވެރިކޮށް، ޝައްކުތައް ސާފުކުރުމަކީ ވެސް ބޭނުމެއް ކަމަށް އެނގިފައިވެ އެވެ.
ފުލުހުން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވެފައިވަނީ ޒަކިއްޔާގެ ހަށިގަނޑު ބެލި ބެލުމުން އޭނާގެ ކަރުގެ ދެ ފަރާތަކަށް، ކަނާތް އައި ވައާތް ފަރާތަށް ތޫނު އެއްޗެކުން ލިބިފައި ހުރި އަނިޔާގެ ގިނަ ޒަހަމްތަކެއް ފެންނަން ހުރި ކަމަށެވެ. އެގޮތުން ކަރުގެ ވައަތް ފަޅީގައި ފުން ތިން ޒަހަމެއް އަދި ކަނާތް ފަރާތުގައި ފުން ދެ ޒަހަމެއްގެ އިތުރުން، ކަރުގައި މެދާއި ހިސާބުގައި ތިލަކޮށް ހުރި އެއް ޒަހަމް ހުރި ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ހަށިގަނޑުގެ އެހެން ތަނަކަށް އެ ނޫން އެއްވެސް ޒަހަމެއް ލިބިފައި ހުރި ކަން ފާހަގަކުރެވިފައެއް ނުވާ ކަމަށް ސާމިހު ވިދާޅުވި އެވެ.
ސާމިހު ވިދާޅުވެފައިވަނީ ޒަކިއްޔާގެ ހަށިގަނޑު އެރޭ މާލެ ގެނެސް ޕެތޮލޮޖިސްޓް ޑޮކްޓަރެއް ހަށިގަނޑު ބެލި ކަމަށާއި ޖެހިގެން އައި ދުވަހު ހަށިގަނޑު އަނބުރާ ހޮޅުދޫއަށް ގެންދެވި އާއިލާ ހަވާލުކޮށް އެ ދުވަހު ހަށިގަނޑު ވަޅުލާފައިވާ ކަަމަށެވެ.
”މައްސަލައާ ގުޅުވައި ބައެއް މީހުންގެ ބޮޑެތި ކަންބޮޑުވުންތަކުގެ ގޮތުގައި ފާހަަގަކޮށްފައިވާ ކަންކަން އިތުރަށްވެސް ކަށަވަރު ކުރުމަށް މަސައްކަތް ކުރެވުނު“. ސާމިހު ވިދާޅުވެފައިވެ އެވެ.
އެގޮތުން ނަރުދަމާ ނިޒާމުގެ ތެރެއިން ފެނުނު ބުރުގާއަކީ ޒަކިއްޔާގެ އެއްޗެއްތޯ ފުލުހުންް ބެލި ކަމަށާއި އެގޮތުން ފުލުހުން ހިންގި ތަހުގީގުން އެއީ ޒަކިއްޔާ އަޅާ ބުރުގަލެއް ނޫންކަން އެނގިފައިވާ ކަމަށްވެސް ސާމިހު ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވެފައިވަނީ ސީނުން ފެނުނު ވަޅީއަކީ ޒަކިއްޔާ ގޭގެ ބަދިގޭގައި ބޭނުންކުރަމުންދާ ވަޅިއެއް ކަމަށާއި ޒަކިއްޔާ ލައިގެން ހުރި ހެދުމުގައި ލޭ ހުރި ކަމަށެވެ.
”ޒަކިއްޔާ އޮތް ގުދަން ތެރެއާއި ގޭތެރޭގެ އިތުރުން، ޒަކިއްޔާގެ ހަށިގަނޑުންވެސް އެއްވެސް، ސްޓްރަގްލްއެއް ނުވަތަ އެއްވެސް އިތުުރު ފަރާތެއްގެ ފުށުން ލިބިފައިވާ އަނިޔާއެއްގެ ނިޝާނެއް ފާހަަގަކުރެވިފައި ނުވާކަން،“. ސާމިހު ވިދާޅުވެފައިވެ އެވެ.
އަދި މި މައްސަލައާ ގުޅިގެން ސީޓީ ސްކޭނެއްވެސް ހެދިފައިވާއިރު، އޭގެ ނަތީޖާއިންވެސް ޒަކިއްޔާގެ ހަށިގަނޑުން، އަނިޔާއެއް ނުވަތަ ސުވާލު އުފެދޭ ކަމެއް ފެނިފައި ނުވާކަމަށްވެސް ސާމިހު ފާހަގަކުރައްވާފައި ވެއެވެ.


ގުޅުންހުރި
ރ. އަތޮޅު ކައުންސިލް އިދާރާއަށް ސިހުރު ހެދި ދެ މީހުން ހައްޔަރުކޮށްފި
ހުޅުމާލެއިން 14 ކިލޯގެ މަސްތުވާތަކެއްޗާއެކު އަންހެނަކު ހައްޔަރުކޮށްފި
ސިހުރުގެ ކަންތައް ބޮޑުވެ ކުޅުދުއްފުށީގެ ގެތައް ފުލުހުން ބަލައިފާސްކުރަނީ
72 ކިލޯގެ ޑުރަގް އެތެރެކުރި މައްސަލަ: ފުލުހުން ހެދި ގޯސްތަކެއްގެ ސަބަބުން
ފުވައްމުލަކުގައި ހުންނަ ޔޫރޯ ސްޓޯރުގެ ގުދަނުން 130 ސިނގިރޭޓު ކާޓަން ވަގަށް
ކެފޭއެއްގައި އިންދާ ކިލޯއެއްގެ ޑްރަގާއެކު ޒުވާނަކު ހައްޔަރުކޮށްފި