ރައްޔިތުންގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން އެ ޕާޓީގެ މެންބަރުން ތިބޭ ވަޓްސްއެޕް ގްރޫޕުން މިއަދު ބޭރުކޮށްލައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެންސީގެ މަޖިލިސް މެންބަރުން މުއާމަލާތް ކުރުމަށް ބޭނުންކުރާ އެ ގްރޫޕުން އަޒާން ބޭރުކުރީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ. އެ ގުރޫޕުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ ލީޑާޝިޕުގެ ބޭފުޅުންވެސް ތިއްބަވަ އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކޮށް ފަނޑިޔާރުންގެ ބެންޗު ކުޑަކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބަލައިގަތުމަށް މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ޕީއެންސީގެ 10 މެންބަރަކު ބައިވެރިވެވަޑައިނުގަންނަވަ އެވެ. އޭގެ ތެރެއިން ޖަލްސާއަށް ހާޒިރުވީ މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިނުވީ ދެ މެންބަރުންގެ ތެރޭގައި އަޒާން ހިމެނިވަޑައިގަންނަވަ އެވެ.
އެކަމާ ގުޅިގެން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު މެންބަރުންނަށް މެސެޖެއް ފޮނުއްވި އެވެ. އެ މެސެޖުގައި ވިދާޅުވެފައި ވަނީ ޕީއެންސީގެ ލީޑާޝިޕުން މެންބަރުންނަށް ބިލަށް ވޯޓު ދޭން އަންގާފައިވަނިކޮށް އެ ވިޕްލައިނާ ހިލާފަށް އަމަލުކުރި މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
ފަލާހުގެ އެ މެސެޖަށްފަހު ރައީސް ގުރޫޕަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ އެއީ އެއްވެސް މެންބަރަކު ކުރައްވައިގެން ވާނެ ވަރުގެ ކަމެއް ނޫން ކަމަށެވެ.
”ޕާޓީން ތްރީލައިން ވިޕެއް ކަނޑައެޅީމަ އެޔާ ހިލާފު ވުމަކީ އެއްވެސް ބޭފުޅަކު ކޮށްގެން ވާނެ ކަމެއް ނޫން. އެއްވެސް ފަހަރަކު،“ އެމަނިކުފާނު ފޮނުއްވި މެސެޖުގައި ލިޔުއްވާފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމަށް ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު މިދިޔަ އާދީއްތަ ދުވަހު މަޖިލީހަށް ހުށަހެޅުއްވި ބިލު ބަލައިގަންނަން މިއަދު މަޖިލީހުން ފާސްކުރި އިރު, މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއްގައި ވަނީ އެ މައްސަލައިގެ ރިޕޯޓު ފާސްކޮށްފަ އެވެ. ނަމަވެސް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ދެ މެންބަރުންނާއި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ވެސް ކޮމިޓީގައި ވޯޓެއް ނުދެއްވަ އެވެ.

ގުޅުންހުރި
ރާއްޖޭގެ ވޯޓާއެކު އައިއެލްއޯގެ އޮބްޒަވާ ގައުމެއްގެ ގޮތުގައި ފަލަސްތީނު ބަލައިގެންފި
އީދު ދުވަހު ހަވީރު ވެހިކަލް ދުއްވައިގެން 141 މީހަކަށް ފިޔަވަޅު އަޅައިފި
ސައުދީގައި ޕްރޮފެސަރެއްގެ ގަޔަށް ވަޅި ހަރައި މަރާލައިފި، ޕްރޮފެސަރުގެ އަންހެނުން އައިސީޔޫގައި
މުސީބާތާއި ތަކުލީފުގެ ވަގުތުގައި އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވެ، އެހީތެރިވުމަކީ ވާޖިބެކެވެ.
އިސްލާމީ ގައުމުތަކުގެ ވެރިންނާއި ރައްޔިތުންނަށް އުފާވެރިކަމާއި ކާމިޔާބީއަށް ރައީސް އެދިވަޑައިގެންފި
އިސްލާމީ އުންމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ ވެރީންނާއި މައިންބަފައިންގެ ބަސް