މަޝްހޫރު ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާގެ އެންމެ ފަހުގެ ފިލްމު ”ސޮރީ“ގެ ޓައިޓަލް މައުމޫން ފޮންޓަށް ބަދަލުކޮށްފި އެވެ.
ނަހުލާ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ފިލްމު ސޮރީގެ ޓައިޓަލް މައުމޫން ފޮންޓަށް ބަދަލުކުރީ ރައީސް މައުމޫން ގައުމަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.
”އަހަރެން ގަބޫލުކުރާ ގޮތުގައި ރައީސް މައުމޫން އަބްދުލްގައްޔޫމަކީ އަހަރެމެން ގައުމުގެ ފަހުރުވެރި ރަމްޒެއް. އަދި ރައީސް މައުމޫންގެ ފޮންޓް ބޭނުންކުރަން ނިންމީ އެ މަނިކުފާނަށް އިހުތިރާމާއި ޝުކުރު އަދާކުރުމުގެ ގޮތުން،“ ނަހުލާ ވިދާޅުވި އެވެ.
މައުމޫން ފޮންޓަކީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ އަތުލިޔުން އަސްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ފޮންޓެކެވެ. މިއީ ރާއްޖޭގެ ރައީސެއްގެ އަތުލިޔުން އަސްލަކަށް ބަލައިގެން ފޮންޓެއް ޑިޒައިންކޮށް ނެރުނު ފުރަތަމަ ފަހަރެވެ. އެ ފޮންޓް ފަރުމާކޮށްފައިވަނީ މައުމޫން ފައުންޑޭޝަނާއި އަކުރު ޓައިޕްއާ ގުޅިގެންނެވެ.
ލޯބީގެ އަސަރުގަދަ ފިލްމު ސޮރީއަކީ ބޮޑު ބްރޭކަކަށްފަހު ނަހުލާ އުފައްދާ ފުރަތަމަ ބޮޑު ފިލްމެވެ. އެ ފިލްމުގައި ލީޑް ރޯލުތަކުން ފެންނާނީ މަރިޔަމް އައްޒަ އާއި ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ އިތުރުން ޝީލާ ނަޖީބާއި ހުސައިން ސޮބާހެވެ.

ގުޅުންހުރި
ސައިފް ނުރައްކަލުން ސަލާމަތްވެއްޖެ، ހާލު ދަނީ ރަނގަޅުވަމުން
އަހަރުތަކަކަށްފަހު މައުމޫން ގައުމީ ޕޯޑިއަމަށް: ވިދާޅުވީ ކުއްލި ނުރައްކަލަށް އަބަދުވެސް ހޭލާ
ޖަމިއްޔާތަކުގެ ލިސްޓުގައި ސަލަފާއި މައުމޫން ފައުންޑޭޝަން ނެތް!
ފިލްމީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ޝާކިރުބެ ނިޔާވެއްޖެ