މޫސުން ގޯސްވުމުގެ ސަބަބުން އެއްވެސް ގެއަކުން ކުނި ނުނެގި ހުރެއްޖެ ނަމަ، އެ ކުނި މަގުމައްޗަށް ނުވަތަ އާންމު ސަރަހައްދުތަކަށް ނުނެރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އިލްތިމާސްކޮށްފި އެވެ.
މި ހަފުތާގައި މޫސުން ގޯސްވެ، ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފައިވާތީ ވެމްކޯ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ވިއްސާރައިގެ ސަބަބުން އެ ކުންފުނީގެ ހިދުމަތްތަކަށް ދަތިތަކެއް އައިސްދާނެ ކަމަށެވެ. ނަމަވެސް އެ ކުންފުނީގެ މުވައްޒަފުން މެދުނުކެނޑި ހިދުމަތް ދިނުމަށޤ އަވަދިނެތި މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.
ވެމްކޯ އިން ބުނީ، ވިއްސާރައިގެ ސަބަބުން އެއްވެސް ގެއަކުން ކުނި ނުނެގި ހުރެއްޖެ ނަމަ، މުޖުތަމައުގެ އާންމު ސިއްހީ ރައްކާތެރިކަމަށްޓަކައި އުކާލާ ކުނި މަގުމައްޗަށް ނުވަތަ އާންމު ސަރަހައްދުތަކަށް ނުނެރުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި ހިދުމަތް ހޯދާ ފަރާތްތަކުން ކުނި ނުނެގި ހުރި ގެއެއް ފާހަގަކުރެވިއްޖެ ނަމަ ނުވަތަ ހިދުމަތް ނުލިބޭ ނަމަ ވެމްކޯގެ ހޮޓްލައިން ނަންބަރު 1666 އަށް ގުޅައި، އެ މައުލޫމާތު ހުށަހެޅުމަށްވެސް ވެމްކޯ އިން ވަނީ އެދިފަ އެވެ.


