މެދުނުކެނޑި ބޯކޮށް ވެހުނު ވާރޭގެ ސަބަބުން މަގުތަކުގައި ފެން ބޮޑުވެ، ހިނގައިބިނގާވެ އުޅުމަށް ދަތިވެފައިވާތީ އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލާއި ވިލިމާލެ އަދި ހުޅުމާލެ ހޮސްޕިޓަލްގެ އޯޕީޑީ މިއަދަށް ބަންދުކޮށްފި އެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ އޯޕީޑީ ބަންދުކުރީ މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް ކަނޑައަޅުއްވާފައިވުމާއި ހޮސްޕިޓަލް ސަރަހައްދުގައި ފެންބޮޑުބެ، ބަލި މީހުންނަށް ހޮސްޕިޓަލަށް އައުމާއި އެނބުރި ދިއުމަށް ތަކުލީފަކަށް ވާނެތީ ކަމަށެވެ.
އޯޕީޑީ ބަންދުކުރި ނަމަވެސް އައިޕީޑީ އަދި އެމަޖެންސީ ހިދުމަތްތައް މެދުނުކެނޑި ލިބެމުންދާނެ ކަމަށްވެސް އައިޖީއެމްއެޗުން ބުންޏެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، އެކި ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވެ، އާންމުންނަށް ދަތިތަކެއް ކުރިމަތިވެފައިވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފަ އެވެ.









