މާރޗް 10, 2025

ޑރ. ޒިޔާދުގެ ގަލަމުން: ރަމަޟާން މަހަކީ ކީރިތި ޤުރްއާނުގެ މައްސަރު 2

ކީރިތި ޤުރްއާނުގެ ޚާއްޞަ ޞިފަތައް

އިސްލާމްދީން ފާޅުވުމުން، މުޅި ދުނިޔެއަށް ކުއްލި ބަދަލުތަކެއްއައެވެ. ޖާހިލުކަން ނެތިދިއުމަށް ފަހު،ޢިލްމާއި ރިވެތިއަޚްލާޤު ޢާއްމުވާންފެށިއެވެ. އަނިޔާވެރިންގެ އަނިޔާއިން ނިކަމެތިން ސަލާމަތްވެ، މުޖުތަމަޢުގައި އަމާންކަމާ ޢަދުލުވެރިކަން ފެތުރުނެވެ. ޝައްކެއް ނެތް ގޮތުގައި މިބޮޑު ބަދަލު މުޅި އިންސާނިއްޔަތައް ފެތުރިންގެ ދިއުމުގެ ސަބަބަކީ ކީރިތި ޤުރްއާން ދައްކުވައިދިން މަގެވެ.

ކީރިތި ޤުރްއާނަކީ އިލާހީބަސްފުޅެވެ. އިލާހީ ބަހޭ ބުނެވޭ ބަހުގެ މާނަ އަކީ މާތް ﷲގެ ޙަޟްރަތުން ބާވާލައްވާފައިވާފޮތެއްކަމުގައެވެ. ކީރިތި ޤުރްއާނަކީ އިލާހީ ބަސްފުޅުކަން ޘާބިތު ކޮށްދޭ ހެކިތަކުގެ ތެރެއިން ހެއްކަކީ، ޖާހިލިއްޔަ ޒަމާނުގެ ޢަރަބިންނަށް ޤުރްއާނާއި އެއްފެންވަރުގެ އާޔަތެއްގެ މިންވަރުވެސް އެމީހުންނަށް ގެނެވިފައިނުވާކަމެވެ.ޢަރަބިންނަކީ އޭރު މުޅިދުނިޔޭގައިވެސް ބަހުގެ ޢިލްމަށް އެންމެ ގުޅަދާނަ މީހުންނެވެ.

އަލްބަޤަރާ ސޫރަތުގެ 23 ވަނައާތުގެ މާނަގައިވަނީ :ތިމަންރަސްކަލާނގެ އަޅާއަށް (އެބަހީ: محمدގެފާނަށް) ތިމަންރަސްކަލާނގެ ބާވައިލެއްވި އެއްޗަކާމެދު (އެބަހީ: قرآنއާމެދު) ތިޔަބައިމީހުން شكކަމެއްގައި ވަނީނަމަ، ފަހެ ތިޔަބައިމީހުން އޭގައިވާފަދަ سورةއެއް ނިކަން ގެނެސްބަލާށެވެ! އަދި ތިޔަބައިމީހުން ތެދުވެރިން ކަމުގައި ވަނީނަމަ، اللَّه ފިޔަވައި ތިޔަބައިމީހުންނަށް نصرދޭނޭ އެހީތެރިން (ތިބިނަމަ، އެއުރެން) ނަށް ނިކަން ގޮވައި، ގެނެސްބަލާށެވެ!

ކީރިތި ޤުރްއާންގައިވަނީ އިސްލާމް ދީނުގެ ޢާލަމީ ކަން ބަޔާން ކުރައްވާފައެވެ. ކީރިތި ޤުރްއާނަކީ އެންމެހާ މީސްތަކުންގެ ގާތަށް ބާވާލެއްވި ފޮތެކެވެ. އެއީ ހުރިހާ އުއްމަތްތަކަކަށް، ހުރިހާ ނަސްލަކަށް، ހުރިހާ ޒަމާނަކަށް، މާތް ﷲ ފޮނުއްވި ދީނެކެވެ.

ކީރިތި ޤުރްއާން ގައިވަނީ ފާޅުކަންބޮޑުކަމާއި ޝާމިލުކަމެވެ. އެހެން ދީންތަކާ ޚިލާފަށް، އިސްލާމްދީނަކީ ހަޔާތުގެ ހުރިހާކަމެއް ޝާމިލުވާގޮތަށް އައިސްފައިވާދީނެކެވެ. އިސްލާމް ދީނުގެ ޢަޤީދާއާއި، އަޅުކަންތަކާއި، އަޚްލާޤާއި، ޝަރުޢީ އުޞޫލްތަކާ ހަމަތައް ޝާމިލު ވެގެންވާ ގޮތެއްގައި އައިސްފައިވާ ނިޒާމެކެވެ.

ކީރިތި ޤުރްއާނަކީ ނަސޭހަތް ތެރިވުމާއި، އިރުޝާދު ދިނުމަށް އަންގަވާފައިވެއެވެ.އިރުޝާދާއި ނަޞޭޙަތަކީ، އިންސާނުންނަށް ފައިދާކުރާނެ ކަމެކެވެ. މީގެ އިތުރުން ކީރިތި ޤުރްއާން ބާވާލެއްވުނީ އިންސާނިއްޔަތަށް ރަޙްމަތައްޓަކައެވެ. ކީރިތި ޤުރްއާން ގޮވާލައްވަނީ ލުއިފަސޭހަ ކަމަށެވެ.

އަލްބަޤަރާ ސޫރަތުގައި ވަޙީ ކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވަނީ ”رمضان މަހަކީ، އެ މަހެއްގައި قرآن ބާވައިލެއްވި މަހެވެ. (އެ قرآن ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هدايةއާއި حقއާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި حاضرވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ! އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ. ﷲ، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަ ކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. (މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ عدد ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް ﷲއަށް ތަކުބީރުކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) شكرވެރި ވުމަށްޓަކައެވެ.