މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭނެ ކަމަށް އިއުލާން ކުރި 4،000 މީހުންގެ ލިސްޓުގެ ބޭރުން 500 އަށްވުރެ ގިނަ މީހަކަށް ފްލެޓް ދޭން މި ސަރުކާރުން ނެރުނު ލިސްޓުގައި ހިމަނާފައިވާ ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.
މި ސަރުކާރުން ރިވިއުކޮށް 27 ފެބްރުއަރީ 2025 ގައި ނެރުނު ލިސްޓުގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހެކެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވާ ގޮތުން މި ސަރުކާރުން ބަލާފައި ވަނީ ކުރީ ސަރުކާރުން ނެރެފައިވާ ލިސްޓުގައި ހިމެނޭ 4000 މީހުންނަކީ ޝަރުތު ހަމަވެފައި ތިބި މީހުންތޯ ކަމަށެވެ. އަދި ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި ނުހިމެނޭ އެއްވެސް މީހެއްގެ ފޯމު ބަލާފައި ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން (އިދާރީ) އިބްރާހިމް ވަހީދު ވިދާޅުވީ، ކުރީ ސަރުކާރުން ނެރެފައިވާ ލިސްޓުގައި ހިމެނޭ މީހުންގެ ޝަރުތު ހަމަވޭތޯ ބެއްލެވި ކަމަށް މުއްތަލިބް ވިދާޅުވި ނަމަވެސް އެ ލިސްޓުގެ ބޭރުން 577 މީހެއްގެ މައުލޫމާތު އަލުން ރިވިއުކޮށް އެ މީހުންނަށް ފްލެޓް ދޭން ނިންމާފައިވާ ކަމަށެވެ.
”މީގެ ތެރެއިން އަޅުގަނޑުމެންނަށް ފާހަގަވި 56 ބޭފުޅެއްގެ މާކްސްއާ ކުޅޭ މާކްސް މަތިކޮށްފައިވޭ. މި ބޭފުޅުން މި އެއްޗެހި އަލުން ރިވިއުކުރީ ނުވަތަ އަލުން މި ޕޮއިންޓްތައް ބަދަލުކުރީ ކޮން އުސޫލަކުން އަދި ކޮން ހަމައަކުންތޯ ބެލޭނެ ގޮތެއްވެސް ނެތް،“ އިބްރާހިމް ވަހީދު ވިދާޅުވި އެވެ.
އޭނާ ވަނީ މި ސަރުކާރުގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދަށް ފްލެޓް ލިބުނީ ކުރީ ސަރުކާރުގައި ވެސް އެ ބޭފުޅާއަށް ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާތީ ކަމަށް މުއްތަލިބް ވިދާޅުވެފައިވާތީ އެކަމަށްވެސް ރައްދު ދެއްވައިފަ އެވެ.
އިބްރާހިމް ވަހީދު ވިދާޅުވީ، ހައިދަރުގެ ދެމަފިރިންގެ ހިމެނޭ ގޮތަށް ފްލެޓަށް ޝަރުތު ހަމަވާ 15،751 މީހުން ތިބި އިރު، އޭގެ ތެރެއިންވެސް ހައިދަރުގެ ދެމަފިރިންނަށް ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅުނީ ކޮން އުސޫލަކުންތޯ އެވެ.
”ޝަރުތު ހަމަވަނީ ހަމައެކަނި ޑރ. ހައިދަރުގެ ދެމަފިރިކަނބަލުންނެއް ނޫން. މި ދެންނެވީ 15،751 ފަރާތުގެ ތެރެއިން ހަމައެކަނި ދެ ފަރާތެއްގެ ވާހަކަ ޑރ. މުއްތަލިބު ވިދާޅުވީމަ ވަރަށް ކަންބޮޑުވޭ.. މި ލިސްޓާ ކުޅެފައި މިއޮތީ މި ބޭފުޅުން ބޭނުންފުޅުވާ ބަޔަކަށް ދިނުމުގެ ބޭނުމުގައި،“ އިބްރާހިމް ވަހީދު ވިދާޅުވި އެވެ.




ގުޅުންހުރި
މާލޭގެ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް އާޒިމް ކެމްޕެއިން ފައްޓަވައިފި
ފުވައްމުލަކު 400 ފްލެޓް މަޝްރޫއު: ނިންމައި ތަޅުދަނޑި ހަވާލުކުރަން އޮތް ދުވަހު
އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކުރި ހަ މީހުން ދޫކޮށްލައިފި
މުޒާހަރާ ހުއްޓުވަން އުޅުނު ވަކިވަކި ފުލުހުންގެ ޒާތީ މައުލޫމާތު އާންމުކުރާތީ ފުލުހުންގެ
މުޒާހަރާތަކަށް ނުކުމެ, ފުލުހުންނާ ކުރިމަތިލާ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލެންޖެހޭ: ފަލާހު
އެއްވުން ރޫޅާލަން ބާރުގެ ބޭނުންކުރީ ކެތްތެރިކަމާއި ޕްރޮފެޝަނަލް ކަމާއެކު: ފުލުހުން