ރާއްޖޭގެ 32 ރަށެއްގައ ކުނި ނައްތާލައި މެނޭޖުކުރާ މަރުކަޒުތަކެއް އަޅަން ވެމްކޯއާ ހަވާލުކޮށްފި އެވެ.
އެންވަޔަރުމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އިބްރާހިމް ތޯރިގެވެ. ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުޖްތަބާ ޖަލީލެވެ.
އެންވަރަމެންޓް މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ 32 ރަށެއްގައި ކުނި މެނޭޖު ކުރާ މަރުކަޒުތަކެއް ގާއިމު ކުރަން ހަވާލު ކޮށްފައި ވަނީ މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ރައްކާތެރިކަމާއެކު ކުނި މެނޭޖުކުރާނެ މަރުކަޒުތައް ގާއިމު ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށެވެ.
ވެމްކޯއާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ހިދުމަތް ފަށާ ރަށްތަކާއި އެކަމަށް ހިނގާނެ ހަރަދުގެ ތަފްސީލެއް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.



